އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއަށް ސަރުކާރުން ނެގުމަށް ނިންމާފައިވާ ތިން ލޯނެއް ނެގުމަށް މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމެޓީން ފާސްކުރި ތިން ލޯނަކީ، ކުވޭތު ފަންޑުން ނެގުމަށް ނިންމާފައިވާ 15 މިލިއަން ދީނާރާއި، ޗައިނާގެ އެގްޒިން ބޭންކުން ނެގުމަށް ނިންމާފައިވާ 372 މިލިއަން ޑޮލަރާއި ސައުދީ ޑިވަލޮޕްމަންޓް ފަންޑުން ނެގުމަށް ނިންމާފައިވާ 375 މިލިއަން ރިޔާލެވެ.

އެ ތިން ލޯނު ނެގުމަށް ސަރުކާރުން މިހާރު ވަނީ އެެއްބަސްވުންތަކުގައި ސޮއިވެސްކޮށްފައެވެ. އެ ލޯނުތަކަކީ ދެ ޕަސެންޓުގެ އިންޓްރެސްޓާ އެކު ސަރުކާރުން ނެގުމަށް ނިންމާފައިވާ ލޯނުތަކެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް، ފިނޭންސް މިނިސްޓްރީގެ ފަރާތުން އެ ލޯނުތަކާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ކަރުދާސްތައް ކޮމެޓީގެ މުގައްރިރު އަހުމަދު ނިހާނު ހުސައިން މަނިކު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެ ކަރުދާސްތަކަށް ރިއާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ނިހާނު ވިދާޅުވީ، ސަރުކާރުން ނަގަން ނިންމާފައިވާ ތިން ލޯނު ވެސް ދައްކަންޖެހޭނީ ތިން އަހަރު ފަހުން ކަމަށެވެ.

އެ ކަރުދާސްތަކަށް ރިއާޔަތް ކުރައްވައި ވާހަކަފުޅުދައްކަވަމުން ނިހާނު ވިދާޅުވީ، ދައުލަތުގެ ދަރަނީގެ ލަނޑުދަނޑިތައް ކަނޑައަޅާފައި ވަނީ 2016ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރުގެ ނިޔަލަށް ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިނިސްޓްރީ އޮފް ފިނޭންސުން ހުށަހަޅާފައިވާ ކަރުދާހުގައިވާ ގޮތުގައި ދައުލަތުގެ ދަރަނީގެ ލަނޑުދަނޑިތައް ކަނޑައަޅާފައިވާ މުއްދަތު އެއީ. 2018ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނީގެ ޖުމުލަ ހުންނާނީ 2015ވަނަ އަހަރާ އަޅައިބަލާއިރު 36 ޕަސެންޓު އިތުރުވެފައި. އެއީ ގާތްގަނޑަކަށް 41 ބިލިއަން ރުފިޔާކަމަށް ބެލެވޭއިރު މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 2015ވަނަ އަހަރާ ދާދި އެއްވަރުގެ އަދަދެއް،" ފިނޭންސުން ހުށަހެޅި ކަރުދާސްތައް ކޮމެޓީގެ މެމްބަރުންނަށް ހިއްސާކުރައްވަމުން ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ، 2015ވަނަ އަހަރު ދައުލަތުގެ ދަރަނި، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހުރީ 57.6 ޕަސެންޓުގައި ކަމަށެވެ. އަދި ވިދާޅުވީ، 2018ވަނަ އަހަރުގައި އެ އަދަދު ހުންނާނީ 51.2 ޕަސަންޓު ދަށުގައި ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ނެގުމަށް ނިންމާފައިވާ ތިން ލޯނުގެ ޖުމުލަ އަދަދު 525 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ އަދަދަކީ އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓުގެ ޖުމުލަ އަދަދަށް ވުރެ 100 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށެވެ.

ޝަރީފު އެހެން ވިދާޅުވީ، އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓުގެ ޖުމުލަ އަދަދަކީ 439 މިލިއަން ޑޮލަރު ކަމަށް ވާތީ އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ، ކުޑަ އިންޓްރެސްޓު ލޯނެއްގައި ދިގު މުއްދަތަކުން ދައްކައި ހަލާސްކުރާ ގޮތަށް އެ ލޯނުތައް ނެގުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، މިވަގުތަށް ރާއްޖޭގެ އިގްތިސާދަށް ވެސް އެންމެ ރަނގަޅީ އެފަދަ ގޮތަކަށް ލޯނު ނެގުން ކަމަށެވެ.

"މީގެކުރިން ނަގާފައިހުރި ލޯނުތަކަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރާ ގޮތަށް ނަގާފައިވާ ލޯނުތައް. އެއީ އަދި ހަ ޕަސެންޓު ނުވަތަ ހަތަރު ޕަސެންޓުގެ އިންޓްރެސްޓުގައި ނަގާފައިހުރި ލޯނުތައް. އެހެންވީމަ މި ލޯނުތަކަކީ ވަރަށް ދިގު މުއްދަތެއްގައި ވަރަށް ކުޑަ އިންޓްރެސްޓު ރޭޓެއްގައި ނަގާ ލޯނުތަކެއް،" ރިޔާޒު ވިދާޅުވިއެވެ.