19 Oct 2016, 16:33
ދިވެހިރާއްޖޭގެ އުފެއްދުންތެރި ކަމުގެ ގައުމީ މައުރަޒު ބާއްވަން ކުރިއަށް ހަމަޖައްސާފައިވާ ތާރީހަށް ބަދަލު ގެނެސްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަހަރުގެ މައުރަޒު ބޭއްވުމަށް މިހާރު ހަމަޖައްސާފައިވަނީ ޑިސެމްބަރު މަހުގެ ހަތަރަކުން އެ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ކުރިން އެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގައެވެ.
އެ ބަދަލާ އެކު އެ މައުރަޒުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 16.00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ އެ މައުރަޒުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމާއި، މައުރަޒުގައި ބައިވެރިކުރާ ތަކެތި ބަލައިގަތުން ނޮވެމްބަރު 22 ން 24 އަށް ކޮންމެ ދުވަހެއްގެވެސް ހެނދުނު 9.00 ން ރޭގަނޑު 22.00 އަށް ދަރުބާރުގޭގައި އޮންނާނެ ކަމަށެވެ.
އެ މައުރަޒުގައި ޖުމްލަ ހަ ދާއިރާއަކުން ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެ ދާއިރާ ތަކަކީ:
އަމިއްލަ ފަރުދުންގެ ދާއިރާ
- ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
- ވިޔަފާރީގެ ދާއިރާ
- ސްކޫލު، ކޮލެޖް، ފެކަލްޓީފަދަ ތައުލީމީ މަރުކަޒުތަކުގެ ދާއިރާ
- ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
- ކްލަބް، ޖަމިއްޔާ، ޖަމާއަތްތަކުގެ ދާއިރާ
މިއެވެ.
ކޮންމެ ދިވެއްސަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އެ މައުރަޒުގައި ދިވެހިރާއްޖޭގައި ދިވެހިން އުފައްދާ ކޮންމެ އުފެއްދުމެއްވެސް ބައިވެރިކުރެވޭއިރު އެ މައުރަޒުގައި ތަކެތި ބައިވެރިކުރުމަށް 61 ގިންތި ކަނޑައަޅާފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މައުރަޒުގައި އެކިއެކި ގިންތިތަކުގައި ތަކެތި ބައިވެރިކުރުމަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވާކަމަށާއި ނަމަވެސް އިންސާފުކުރުމަށް ކޮންމެ ގިންތިއަކުންވެސް ގިނަވެގެން ބައިވެރި ކުރެވޭނީ ތަފާތު ފަސް އެއްޗެއް ކަމަށެވެ. އަދި އިންސާފު ކުރުމަށް އެންމެ ރަނގަޅުކަމަށް ފެންނަ ފަސް އެއްޗެއް ކަނޑައަޅާނީ ތަކެތި ބައިވެރިކުރި ފަރާތުންކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.