ޖަޕާންގެ އޮންނަ 'ވޯލްޑް ފޯރަމް އޮން ސްޕޯޓްސް އެންޑް ކަލްޗާރ' ގައި ބައިވެރިވަޑައިގަތުމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ޓޯކިޔޯއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

މާދަމާއިން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ބައްދަލުވުމަކީ ޖަޕާންގައި 2020 ވަނައަހަރު ބޭއްވުމަށް ތައްޔާރު ވަމުންދާ އޮލިމްޕިކްސް އާއި ޕެރަ އޮލިމްޕިކްސްގެ ކުރިން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ބައްދަލުވުމެކެވެ.

ޓޯކިޔޯއަށް ފުރައިވަޑައިގަތުމުގެ ކުރިން މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވިދާޅުވީ ރާއްޖޭގެ އިތުރުން އޭޝިއާގެ 36 ގައުމެއްގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާތަކުގެ މިނިސްޓަރު ލެވަލްގެ ބޭފުޅުން ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.

"އެ ބައްދަލުވުމުގައި ޖަޕާން އާއި އެހްނެ ގައުމުތަކުގެ މިނިސްޓަރ ލެވަލްގެ ބޭފުޅުންނާއި ބައްދުލަ ކުރުމަށް ފުރުސަތު ލިބިގެންދާނެ. އެބައްދަލުވުން ތަކުގައި ރާއްޖޭގެ ހުށަހެޅުންތަށް ހުށަހެޅުމަށް ތައްޔާރުވަމުން މިދަނީ ،" އިރުތިޝާމް ވިދާޅުވިއެވެ.

އިރުތިޝާމް ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ސްޓޭޓްމަންޓެއް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ އިތުރުން ކުޅިވަރާ ސަގާފަތާބެހޭ ސްގްމަންޓްތަކެއް ވެސް ކުރިއަށްދާނެ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވިދާޅުވީ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ކުރައްވަމުންދާ މަސަތްކަތްތަށް ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި އެމަސަތްކަތްތަކަށް ޖަޕާނުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.