19 Oct 2016, 15:51
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންނެވި ގޮތަށް ކޮމަންވެލްތުން ވަކިވާން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ވޯޓުގައި ކޮމަންވެލްތުން ވަކިވުމަށް ފެންނަ ކަމަށް 39 މެމްބަރަކު ވޯޓު ދެއްވި އެވެ. އެކަމާ ދެކޮޅަށް 19 މެމްބަރަކު ވޯޓު ދެއްވި އެވެ.
އެ މައްސަލަ ރައީސް ޔާމީން މަޖިލީހަށް ފޮނުއްވާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 19ވަނަ ދުވަހު އެވެ.
އެ މައްސަލަ ދިރާސާކުރީ ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީންނެވެ. ކޮމެޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު ނެރުނު ކޮމެޓީ ރިޕޯޓުގައި ބުނެފައި ވަނީ ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތުމުން ހަމަ އާއި އިންސާފުން ބޭރުން ރާއްޖެއާ މެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާހިލީ ސިޔާސަތަށް ބާރު ފޯރުވާފައިވާ ކަމަށެވެ.
ކޮމެޓީ ރިޕޯޓުގައި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވާ މަސައްކަތް ކޮށްފައިވަ ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވާން މިއަދު ނިންމާފައިވާއިރު އެ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވަޒީރުންގެ މަޖިލީހުގައި ވެސް މަޝްވަރާ ކުރެވިފަ އެވެ. އަދި ވަޒީރުންގެ މަޖިލީހުން ވެސް ނިންމީ ރާއްޖެ ކޮމަންވެލްތުން ވަކިވާށެވެ.
ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވާ މިންވަރާ ގުޅޭ ގޮތުން މަޖިލީހަށް ރައީސް ޔާމީން ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އެންމެ ފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުގައި ފާއިތުވެގެންދާ ދުވަސްތަކުގެ ތެރޭގައި ކޮމަންވެލްތު މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހަރަކާތްތެރިވަމުންދާ ގޮތާއި ހަރަކާތްތެރިިވަމުންދާ މިންވަރު ދެނެގަތުމުގެ ގޮތުން އިތުރަށް "މުތާލިއާ" ކުރަން ޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމުގައިވީ ހިނދު މިކަމުގައި މަންދޫބުންގެ މަޝްވަރާއެއް ހޯދުމަކީ މުނާސަބު ކަމެއް ކަމުގައި އަޅުގަނޑަށް ފެންނާތީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅުއްވާ މިކަމުގައި ގޮތެއް ނިންމަވާ ދެއްވުން އެދެމެވެ." ރައީސް ޔާމީންގެ ސިޓީފުޅުގައިވެ އެވެ.
ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވެފައި ވަނީ 1982ވަނަ އަހަރު އެވެ.