ޕީޕީއެމްގެ ހުރިހާ ކަމެއް ބެލެހެއްޓުން އެ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ހަވާލު ކުރި މައްސަލައިގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި މާދަމާއަށް ތާވަލުކޮށްފި އެވެ.

ސިވިލް ކޯޓުން މިދިއަ އާދިއްތަ ދުވަހު ނިންމި އެ މައްސަލާގައި ބުނެފައި ވަނީ މިހާރު ޕީޕީއެމެގް ރައީސްގެ މަގާމުގައި ހުރި ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ޕާޓީ ހިންގުުމުގެ ކަންކަން ކުރިއަށް ނުގެންދެވޭ ކަމަށް ފެންނާތީ ޕާޓީގެ ހުރިހާ ކަމެއް ރައީސް ޔާމީނާ ހަވާލު ކުރުމަށެވެ.

ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައި ވަނީ ސ. ހުޅުދޫ ފެންފިޔާޒު ވިލާ އައްބާސް ވާފިރު ނަމަކަށް ކިޔާ މީހެކެވެ. ހައި ކޯޓުގެ ވެބްސައިޓުގައި ދައުވާ ލިބޭ މީހުންގެ ގޮތުގައި ތާވަލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ.

މައްސަލަ ތާވަލުކޮށްފައި ވަނީ މާދަމާގެ 10:15 އަށެވެ.

ޕީޕީއެމްގެ ފަރާތުން ރައީސް މައުމޫނުު ފެކްޝަނުން ދަނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ތައްޔާރު ވަމުންނެވެ.