އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ ވާރިސެއްގެ ގޮތުގައި މިހާރު ދުނިޔޭގައި ހުރި އޭނާގެ މާމަ (އާފިޔާގެ މަންމަ) އުޅޭތަނެއް ނޭންގިގެން ވާރިސުންގެ ބަސް ނުނެގިފައިވާ ކަމަށް ކޯޓުން ބުނެފި އެވެ.

އިބްތިހާލުގެ މަރުގެ މައްސަލާގައި ކުއްޖަކު މަރާލިކަމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވީ ވާރިސުންގެ ބަސް ނެގުމަށް އިބްތިހާލްގެ މާމަ ވީތަނެއް ހޯދުމަށް ޝަރީއަތުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އުޅޭތަނެއް އެނގިފައި ނުވާ ކަމަށެވެ. އަދި އިބްތިހާލުގެ މާމަ ރަށުގައި ނޫޅޭ ކަމަށް ގާޒީ ވިދާޅުވި އެވެ. ގާޒީ ވަނީ މަންމަ އުޅޭ ތަނެއް އެނގޭތޯ އާފިޔާއާ ސުވާލުކޮށްފަ އެވެ.

އާފިޔާ ބުނީ މަންމަ އުޅެނީ މާލޭގައި ކަމަށާއި ނަމަވެސް އުޅޭ ވަކި ގެއެއް ނޭންގޭ ކަމަށެވެ. އާފިޔާގެ ބައްޕަ ވަރަށް ފަހުން ނިޔާވެފައިވާ ކަން ގާޒީ ވަނީ ފާހަގަކޮށްފަ އެވެ.

މަރުގެ މައްސަލަތަކުގައި މަރުވި މީހާގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ނަމަ އަދި މައްސަލަ ސާބިތުވެއްޖެ ނަމަ އޮއްނާނީ މަރަށް މަރު ހިފުމެވެ.

ދައުލަތުގެ ފަރާތުން އާފިޔާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބެލުމަށް ހެދި ޓެސްޓުތަކުގެ ރިޕޯޓު ޝަރީއަތަށް ހުށަހަޅާފައި ނުވާތީ ގާޒީ ވަނީ ސުވާލު ކުރައްވާފަ އެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުލަތުން އެ ރިޕޯޓު އަދިވެސް ތަހުލީލު ކުރަމުން ދާތީ ހުށަހެޅުން ލަސްވަނީ ކަމަށެވެ.

ގާޒީ ވިދާޅުވި މަައްސަލަ އަވަހަށް ކުރިއަށް ގެންދިއުމަށް އެ ރިޕޯޓު ވަރަށް މުހިންމު ކަމަށެވެ. މައްސަލަ އަވަސް ކުރުމަށް މަސައްކަތް ކުރާނެ ކަން ފާހަގަކޮށް ގާޒީ ވިދާޅުވީ ދެން އަޑުއެހުމެއް ފެށޭ ހަފްތާ އަންގާރަ ދުވަހު ބާއްވާނެ ކަމަށެވެ.

މީގެ ކުރިން ޝަރީއަތުގެ މަޖިލީސް ތަކުގައި އާފިޔާ ވަނީ އިބްތިހާލް މަރާލިކަމަށް އެއްބަސްވެފަ އެވެ.

އާފިޔާ ބުނެފައި ވަނީ އޭނާގެ މަންމަ ކައިރިން ދަރިފުޅު އޭނާގެ ކައިރިއަށް ބަދަލު ކުރި ދުވަހުން ފެށިގެން އަނިޔާ ކުރި ކަމަށާއި، އަނިޔާ ކުރީ "އެއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ" ކަމަށެވެ. އަދި ރުޅި އަންނަ ކޮންމެ ފަހަރަކު އިބްތިހާލަށް އަނިޔާ ކުރާ ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ވަނީ ބުނެފަ އެވެ.