19 Oct 2016, 15:07
ރީބްރޯޑްކާސްޓިންގ ނެޓްވަކްތަކުގައި ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ޗެނެލްތައް އެސްޑީ އަދި އެޗްޑީ ފޯރމެޓުގައި ދެއްކުމަށް ބްރޯޑްކާސްޓަރުންގެ އަތުން ނެގޭ ރައިޑިން ފީ ބޮޑު ނުކުރެވޭނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅައިފިއެވެ.
ކޮމިޝަނުން ގޮތަށް ނިންމީ، އެޗްޑީ ފޯމެޓްގައި ޗެނަލް ރައިޑްކުރުމަށް ނަގާ ފީ ބޮޑުކުރުމަށް މީޑިއާނެޓުން ހުށަހަޅާފައިވުމާއެކު، ކޮމިޝަނުން ބްރޯޑްކާސްޓަރުންނާއި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓިންގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހުގައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތެއްވެސް ފާހަގަކުރިގޮތުގައި އެޗްޑީ ފޯމެޓަކީ ޓެލެވިޒަންގެ ޚިދުމަތުގައި މިހާރު ބޭނުންކުރެވޭ ބޭސިކް ސްޓޭންޑަޑެވެ. އަދި ދުނިޔޭގެ ޓެކްނޯލޮޖީއަށް އަންނަ ހަލުވި ބަދަލުތަކަށާއި ގިނަ ގައުމުތަކުން ޓެލެވިޒަންގެ ޚިދުމަތް ބޭނުންކުރާ ގޮތަށް އަންނަ ބަދަލުތަކަށާއި ރާއްޖޭގައި ބްރޯޑްކާސްޓިންގ ގެ ޚިދުމަތް ފުޅާވަމުން އަންނަ ނިސްބަތަށް ބަލާއިރު އެޗްޑީ ފޯމަޓެކީ ރާއްޖޭގައި ވެސް އާއްމުކޮށް ބޭނުންކުރާނޭ ސްޓޭންޑަޑްކަމުގައި ކޮމިޝަނުން ވެސް އިއްތިފާގުވެއެވެ.
ކޮމިޝަނުން މިކަން މިގޮތަށް ނިންމުމާއެކު، މީޑިއާނެޓް ނެޓްވާރކްގައި ބްރޯޑްކާސްޓަރުންގެ ޗެނަލްތައް އެސްޑީ އަދި އެޗްޑީ ފޯމެޓުގައި ދެއްކުމަށް ރައިޑިން ފީ ގެ ގޮތުގައި ނެގޭނީ 2014 ވަނަ އަހަރު އެ ކޮމިޝަނުން ރައިޑިން ފީ ގެ ގޮތުގައި ފާސްކޮށްފައިވާ ކަނެކްޝަންއަކުން ގިނަވެގެން ހަތަރު ރުފިޔާގެ ރޭޓުގައި ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.