19 Oct 2016, 15:21
ގދ. ވާދޫއިން ކުޑަކުއްޖެއްގެ ގަޔަށް ހޫނު ސައި ތައްޓެއް ބަންޑުވެ، ހަށިގަނޑުގެ 14 ޕަސެންޓް ފިހިއްޖެ އެވެ.
އެ ކުއްޖާއަށް ދަނީ އެ އަތޮޅު ތިނަދޫ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ ހާދިސާގައި އެ ކުއްޖާގެ މޫނާއި މޭމަތި ވަނީ ފިހިފަ އެވެ.
ވާދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު ވިޝާހް ސައީދު "ސަން"އަށް ވިދާޅުވީ ކުޑަކުއްޖަކު ފިހިގެން އެ މަރުކަޒަށް ގެނައީ މިއަދު ހެނދުނު ކަމަށާއި އިތުރު ފަރުވާއަށް ތިނަދޫ ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށެވެ.
ވާދޫ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ހަކީމް ވިދާޅުވީ އެ ހާދިސާގައި އެ ކުއްޖާގެ މޫނުގެ ހުރިހާ ހިސާބަކަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ. އަދި މޭމަތީގެ ކަނާތް ފަރާތް ފިހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ވަގުތު އެ ކުއްޖާ ހުރީ ޓީޝާޓު ލައިގެން ކަމަށް ވުމުން މުޅި ގަޔަށް ހޫނު ސައިގެ އަސަރުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިނަދޫ ހޮސްޕިޓަލުން ބުނީ އެ ކުއްޖާގެ ހާލު މިހާރު ސީރިއަސް ނޫން ކަމަށެވެ.