19 Oct 2016, 21:00
ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އަށް އެކި ގޮތްގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިސްލާމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އަށް ދާއިރާއަކުން އިސްލާމީ ޔުނިވާސިޓީއާ އިސްލާމިކް ބޭންކާ ދެމެދު އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވެ އެވެ.
އެ އެއްބަސްވުމުގައި އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ، އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑައިރެކްޓަރު ހާރިސް ހާރޫނެވެ.
ދެ ފަރާތުގެ ދެމެދުވި އެއްބަސްވުމުގެ ދަށުން، އިސްލާމިކް ފައިނޭންސާ ގުޅޭ ކަރިކިއުލަމްތައް ފަރުމާކުރުމަށާއި އިސްލާމިކް ފައިނޭންސަށް ހާއްސަ ކުއްލިއްޔާއެއް ގާއިމްކުރުމަށްޓަކައި އިސްލާމިކް ބޭންކުގެ ފަރާތުން އިސްލާމީ ޔުނިވާސިޓީއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، އިސްލާމީ ޔުނިވާސިޓީ އިން އިސްލާމިކް ފައިނޭންސާ ގުޅޭ ކޯސްތައް ފަށާނެ ކަމަށް އެ ޔުނިވާސިޓީން އިއުލާންކޮށްފައިވާއިރު، އަލަށް ހަދަން ނިންމާފައިވާ އިސްލާމިކް ފައިނޭންސަށް ހާއްސަ ކުއްލިއްޔާ އުފައްދަންދެން އިސްލާމިކް ފައިނޭންސްގެ ކޯސްތައް ހިންގާނީ އެހެން ކުއްލިއްޔާ އެއްގެ ދަށުންނެވެ.
އޭގެ އިތުރުން މިއަދުވީ އެއްބަސްވުމުގެ ދަށުން، ޝަރުތު ހަމަވާ ދަރިވަރުންނަށް ތައުލީމާ ގުޅޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި މާލީ އެހީތެރިކަން ބޭނުންވެފައި ތިބި ދަރިވަރުންނަށް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ނުވަތަ ކަނޑައަޅާ ދާއިރާތަކުން ތައުލީމު ހާސިލްކުރުމަށްޓަކައި އިސްލާމިކް ބޭންކުން ސްކޯލޮޝިޕް ފުރުސަތު ދޭނެ އެވެ.
އަދި އިސްލާމިކް ފައިނޭންސާ ގުޅުންހުރި ފޮތްތައް ތައްޔާރުކޮށް ނެރުމަށްޓަކައި އިސްލާމިކް ބޭންކުގެ ފަރާތުން އިސްލާމީ ޔުނިވާސިޓީއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އިސްލާމިކް ބޭންކުގެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ދިނުމަށް ވެސް މިއަދު ސޮއިކޮށް އެއްބަސްވެފައިވެ އެވެ.
މީގެ އިތުރުން އެމްއައިބީގެ ފަރާތުން ފަށާފައިވާ "އެޑިއުކޭޝާނަލް ފައިނޭންސިން ސްކީމް" ޔުނިވާސިޓީގެ ދަރިވަރުންނަށް ތައާރަފްކުރުމަށްޓަކައި އިސްލާމީ ޔުނިވާސިޓީގެ ފަރާތުން އިދާރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އެމްއައިބީގެ "އެޑިއުކޭޝަނަލް ފައިނޭންސިން ސްކީމް" އަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ އުސޫލުގެ ދަށުން އެ ބޭންކުން އިންސްޓޯލްމަންޓަށް ކޯހަށް ފައިސާ ދައްކައިދޭ ސްކީމެކެވެ. އަދި ސްކީމުގެ ދަށުން ކަނޑައަޅާ ވަކި އަހަރެއްގެ ދަށުން ފައިނޭންސް ކުރާ އަދަދު ދައްކަން ޖެހޭނެ އެވެ. އެ ސްކީމުގައި މިހާތަނަށް ހަމައެކަނި ބައިވެރިވެފައިވަނީ ވިލާ ކޮލެޖެވެ.
ރަސްމިއްޔާތަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން އައިޔޫއެމްގެ ޗާންސެލަރު ޑރ. ޝަހީމް ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމުގައިވާ ކަންތައްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އައިޔޫއެމް އިން އަންނަ ޖެނުއަރީ މަހު ސްކޮލޮޝިޕް ފުރުސަތު ވެސް ދޭނެ ކަމަށާއި އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަސް ތާރީހެއްގައި ހުޅުވާލާނެ ކަމަށެވެ.
އަދި މިއަދު އެމްއައިބީއާއެކު ސޮއިކުރި އެއްބަސްވުމުގައި ވެސް ބުނެފައިވާ ސްކޮލޮޝިޕްތައް އައިޔޫއެމްގެ ސްކޮލޮޝިޕްތަކުގެ ތެރެއިން ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.