މިދިޔަ ސީޒަނާ އަޅައިބަލާއިރު މިސީޒަނުގައި އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީގެ ފަރާތުން ފެންނަނީ ތަފާތު މޮޅު ކުޅުމެއް ކަމަށް ސްޕެއިންގެ ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުނެފިއެވެ.

ޗެމްޕިއަންސް ލީގްގައި މިރޭ ސިޓީއާ ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރީންނާ ވާހަކަ ދައްކަމުން އެންރިކޭ ބުނީ މި ސީޒަނުގައި އެ ޓީމްގެ ކޯޗު ކަމާ ޕެޕް ގާޑިއޯލާ ހަވާލުވިފަހުން ސިޓީގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށާއި މިހާރު އެޓީމު ބަލިކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

"ސިޓީގެ ފަރާތުން ފެންނަނީ ވަރަށް ބަލާހިތްވާ ކަހަލަ ކުޅުމެއް. އެޓީމްގެ ފަރާތުން ބާސެލޯނާއަށް ގިނަ ނުރައްކާތަކެއް ކުރިމަތިވާނެ. އެކަމަށް ވަރަށް ބޮޑަށް ސަމާލުވެގެން މިރޭގެ މެޗަށް ނިކުންނާނީ،" އެންރީކޭ ބުންޏެވެ.

ބާސާއަށް މީގެ ކުރިން ކޯޗުކަން ކޮށްދިން ގާޑިއޯލާ ވަނީ 2012 ވަނަ އަހަރު އެޓީމް ދޫކޮށް ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވުމުގެ ކުރިން އެޓީމަށް 14 ޓްރޮފީ ހޯދައިދީފައެވެ. ބަޔާނަށް ވެސް ގިނަ ކާމިޔާބީތަކެއް ހޯދަދިނުމަށް ފަހު މިސީޒަނުގައި ސިޓީއާ ހަވާލުވިފަހުން އެޓީމުގެ ކުޅުމަށް ވެސް ގާޑިއޯލާ ދަނީ ބޮޑުތި ބަދަލުތަކެއް ގެނެސްދެމުންނެވެ.

މިރޭގެ މެޗަށް ނިކުންނައިރު ގާޑިއޯލާއަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ އެޓީމުގެ ހުނަރުވެރި ޒުވާން ފޯވާޑް ކެވިން ޑެބްރޫނީ އަނިޔާއަށް ފަހު އަލުން ޓީމާ ގުޅުމެވެ. ހަމަ އެއާއެކު ބާސާގެ ލިއޮނަލް މެސީ ވެސް އަނީޔާއިން ސަލާމަތްވެ މިރޭގެ މެޗަށް ފިޓްވުމަކީ މެޗުގެ ފޯރި އިތުރަށް ގަދަވާނެ ކަމެކެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ބާސާއާއި ސިޓީ ވާދަކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 11:45ގައެވެ.