09 Jun 2011, 12:30
އަންނަ އަހަރު އޮންނަ އޭއެފްސީ ޗެލެންޖް ކަޕް ބާއްވާނެ ގައުމެއް އަންނަ އަންގާރަ ދުވަހު އޭއެފްސީން ނިންމާނެ އެވެ. އަންގާރަ ދުވަހު ބާއްވާ އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނިންމާނެކަން އޭއެފްސީން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
އަންގާރަ ދުވަހު ބާއްވާ އޭއެފްސީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް އަލީ އާޒިމް ވެސް ބައިވެރިވެވަޑައިގަންވަވާނެ އެވެ. އާޒިމްއަކީ ވެސް އޭއެފްސީގެ ހިންގާ ކޮމިޓީގެ މެމްބަރެކެވެ.
އޭއެފްސީ ޗެލެންޖް ކަޕް ބާއްވާނެ ގައުމެއް އޭއެފްސީން ނިންމާއިރު މިމުބާރާތް ހޯސްޓް ކުރުމަށް ކުރިމަތިލާފައި ވަނީ ތިން ގައުމެކެވެ. އެއީ ދިވެހިރާއްޖޭގެ އިތުރުން ފަލަސްތީނާއި ނޭޕާލެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ގައުމުން ވެސް ވަނީ ވަރަށް ރަނގަޅު ޕްރޮޕޯޝަލްއެއް އޭއެފްސީ އަށް ހުށަހަޅައިފަ އެވެ.
އަންނަ އަހަރު އޮންނަ އޭއެފްސީ ޗެލެންޖް ކަޕަށް ކޮލިފައިވެފައިވާ ގައުމުތަކަކީ ފަލަސްތީން، ފިލިޕީންސް، އިންޑިޔާ، ތުރުކަމަނިސްތާން، ދިވެހިރާއްޖެ، ތަޖަކިސްތާން، އުތުރު ކޮރެޔާގެ އިތުރުން ނޭޕާލެވެ.
މިމުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމެނުނީ ގްރޫޕް ސީ ގަ އެވެ. މިގްރޫޕްގައި ދެން ހިމެނުނީ ތަޖަކިސްތާނާއި ކިރިގިސްތާނާއި ކެމްބޯޑިޔާ އެވެ. ރާއްޖެ މުބާރާތަށް ކޮލިފައިވީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.