ވޮޝިންޓަން (އޮކްޓޯބަރު 19): އިރާގުގެ މޯސުލްގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދަނީ އިންސާނުން އައްޑަނައިގެ ގޮތުގައި ބޭނުން ކުރަމުން ކަމަށް އެމެރިކާއިން ބުނެފި އެވެ.

ޕެންޓަގަން އިން އެފަދައިން ބުނެފައި ވަނީ އެމެރިކާ އާއި އިރާގު ހިމެނޭ އަސްކަރީ ކޯލިޝަނުން މޯސުލްގައި ތިބި 5000 ވަރަކަށް އައިއެސްގެ މެމްބަރުން ފޮނުވާލުމަށް ފަށާފައިވާ އޮޕަރޭޝަނަށް ތިން ދުވަސްވެފައި ވަނިކޮށެވެ.

"އައިއެސްއިން ދަނީ އިންސާނުން އައްޑަނައިގެ ގޮތުގައި ބޭނުން ކުރަމުން ކަން ޔަގީން. އާއްމުން (މޯސުލްގައި) ބައިތިއްބަނީ ގަދަކަމުން،" ޕެންޓަގަންގެ ތަރުޖަމާނު ނޭވީ ކެޕްޓަން ޖެފް ޑޭވިސް ވިދާޅުވި އެވެ.

މޯސުލްގައި މިހާރު 700،000 ވަރަކަށް އާއްމުން ތިބި ކަމަށް އިރާގު އަސްކަރިއްޔާއިން ލަފާ ކުރެ އެވެ. އެ ސިޓީގައި ތިބި މީހުންގެ ތެރެއިން ރޮއިޓާސްއަށް ފޯނުން މުވާސަލާތު ކުރެވުނު މީހުން ބުނި ގޮތުގައި އައިއެސް އިން ވަނީ އެމީހުން މޯސުލް ދޫކޮށް ދިޔުން ހުއްޓުވާފަ އެވެ. އަދި ހަމަލާތައް އަމާޒުވުން ގާތް އިމާރާތްތަކަށް ބައެއް މީހުން ފޮނުވާފައިވާ ކަމަށްވެސް އެމީހުން ބުންޏެވެ.

މޯސުލްއިން އައިއެސް ފޮނުވާލުމަށް އެމެރިކާ ކޯލިޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން އިރާގު އަސްކަރިއްޔާއިން ދަނީ މޯސުލްގެ ދެކުނުން ހަމަލާތައް ދެމުންްނެވެ. އަދި އިރުމަތީ ސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ދަނީ މޯސުލްއާ ކައިރިއަށް ޖެހެމުންނެވެ.

އިރާގުގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އެމެރިކާ އިސްވެ އޮންނަ ކޯލިޝަނުން ވަނީ 10 އަވަށަކުން އައިއެސް ފައްސާލާފަ ކަމަށް އެމެރިކާއިން ބުނެ އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ހަމަލާތައް ކުރިއަށްދާ ވަގުތު ގިނަ އަދަދެއްގެ އާއްމުން ސިޓީން ނިކުތުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ޔޫއެން އިން ދަނީ މޯސުލްގެ ބޭރުގައި ރެފިއުޖީ ސައިޓުތައް ގާއިމު ކުރަމުންނެވެ. އައިއެސްއާ ދެކޮޅަށް މޯސުލްގައި އޮޕަރޭޝަން ކުރިއަށްދާ ދުވަސްތަކުގެ ތެރޭގައި 200،000 ވަރަކަށް މީހުންނަށް ބޯހިޔާވަހިކަން ބޭނުންވާނެ ކަމަށް ޔޫއެންއަށް ލަފާ ކުރެވޭ ކަމަށް އެ ޖަމްއިއްޔާގެ ހިއުމެނިޓޭރިއަން ކޯޑިނޭޓާ ފޯ އިރާގު، ލީޒް ގްރާންޑޭ ވިދާޅުވި އެވެ. (ބީބީސީ)