ނަހުލާގެ އެންމެ ފަހުގެ ފިލްމު "4426" އަކީ ކޯއްޗެއްކަން ބަލާލުމަށް ގިނަ ބަޔަކު ތިބީ ކެތް މަދުވެފަ އެވެ. ނަމަވެސް ކްރިސްޓަލް އެންޓަޓެއިންމަންޓުގެ އެ ފިލްމު، ރޭ ވަނީ އޮލިމްޕަހުގައި ޕްރިމިއާކޮށްފަ އެވެ.

މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުގައި ތިބި "4426" (ފޯފޯޓޫސިކްސް) އަކީ މުޅިން ވެސް ލޯބީގެ އަސަރުގަދަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ މަޝްހޫރު ވާހަކަލިޔުންތެރިއާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ ޑައިރެކްޓްކުރާ ފުރަތަމަ ބިރުވެރި ފިލްމެވެ.

"4426" ޕްރިމިއާކުރުމަށް އޮލިމްޕަހުގައި ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުން ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނީ، މިއީ އޭނާގެ ކުރީގެ ފިލްމު، "ޔޫސުފް" ގެ ރިކޯޑް މުގުރާލުމަށް ހެދި ފިލްމެއް ކަމަށާއި އަދި މިހާތަނަށް އޭނާ ކުރި އެންމެ ބުރަ މަސައްކަތް ކަމަށެވެ.

އެހެންކަމުން ފިލްމު ބެލި ނަމަވެސް "4426" ސިއްރެއްގެ ގޮތުގައި ބޭއްވުމަށް ނަހޫ ވަނީ އެދިފައެވެ.

ނަހުލާއާއެކު ހުސެއިން ޝިނާން ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ މަޝްހޫރު ގިނަ ތަރިންތަކާއި އާ މޫނުތަކެއް ފެނިގެންދާ "4426" އަކީ ގެއެއްގެ ތެރޭގައި ބަންދުވެ، ބަޔަކަށް ދިމާވާ ރޫހާނީ ކަންތައްތަކެއް ދައްކައިދޭ ބިރުވެރި ފިލްމެކެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި ކުރިއަރަމުން އަންނަ ޒުވާން ތަރި، މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލާއި މުޙައްމަދު ޖުމައިހުގެ އިތުރުން މަޝްހޫރު އަދި ތަޖުރިބާކާރު ތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއުގެ އިތުރުން ޝީލާ ނަޖީބު ފަދަ ތަރިން ހިމެނެ އެވެ.

މީގެ އިތުރުން ރޭގެ ހަފްލާގައި ނަހުލާ ވަނީ އޭނާގެ ބެލުމުގެ ދަށުން ކްރިސްޓަލް އެންޓަޓެއިންމަންޓުން ކުރިއަށް ނެރެން ނިންމާފައިވާ ފިލްމުގެ ޕޯސްޓަރެއް ވެސް ދައްކާލާފަ އެވެ. ނަހުލާގެ ބެލުމުގެ ދަށުން އެހެން ޑައިރެކްޓަރަކު ޑައިރެކްޓުކުރާ އެ ފިލްމުގެ ނަމަކީ "ބީ" އެވެ. އެ ފިލްމުގެ ޕޯސްޓަރުން ފެންނަ ގޮތުން، ފިލްމުގެ މައި ރޯލުން ފެންނާނީ އައްޒަ އާއި ޖުމައްޔިލް އެވެ.