ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު ކަމުގައިވާ ޗައިނާގެ އިގްތިސާދު އަހަރުން އަހަރަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 6.7 ޕަސެންޓު ކުރިއަރައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޗައިނާގެ އިގްތިސާދު ކުރިއަރާފައިވާ މިންވަރަކީ މީގެ ކުރިން ލަފާކޮށްފައިވާ މިންވަރާ އެއް ހަމަ ކުރާ މިންވަރެކެވެ. މިއިން ދައްކުވައިދެނީ އެ ގައުމުގެ އިގްތިސާދީ ކުރިއެރުން ސްޓޭބްލް ވެފައިވާ ކަމެވެ.

ޗައިނާގެ އިގްތިސާދީ ކުރިއެރުން އެއް ހަމައެއްގައި ހިފެހެއްޓިފައިވުމަކީ އިންވެސްޓަރުންނަށް އެގައުމާ މެދު އޮތް އިތުބާރު ބޮޑުވާނެ ކަމެކެވެ. އެގައުމުގެ އިގްތިސާދު ކުރިއަރާފައި މިވަނީ މިއަހަރުގެ ކުރީ ކޮޅުގައި ދިމާވި ކަރެންސީ ސްލޯޑައުންގެ ސަބަބުން ގައުމުގެ ކުރިއެރުން މަޑުޖެހިފައި ވަނިކޮށެވެ.

ޗައިނާ އަކީ ދުނިޔޭގެ ނިސްބަތުން ވެސް ބޮޑު އިގްތިސާދެއް އޮންނަ ގައުމެއް ކަމުން އެ ގައުމުގެ އިގްތިސާދު ދަށަށް ދިއުމާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ވެސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ނަމަވެސް ޗައިނާގެ އިގްތިސާދު ހަމައަކަށް އެޅިފައިވާކަން ހާމަވުން ވެގެން ވަނީ ދުނިޔޭގެ އިގްތިސާދު ވެސް ރަނގަޅުވާނެ ކަމުގެ ހެޔޮ ފާލަކަށެވެ.

މިއަހަރުގެ މިހާތަނަށް ޗައިނާގެ އިގްތިސާދު 6.7 ޕަސެންޓު ކުރިއަރާފައިވީ ނަމަވެސް މިއަހަރުގެ ނިޔަލަށް، ޗައިނާގެ އިގްތިސާދީ ކުރިއެރުން މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށްވާނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.

އެ ގައުމުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހިފައިވާ މައިގަނޑު ސަބަބަކީ އެ ގައުމުގެ ދަރަނި ބޮޑުވެ، ޕްރައިވެޓް އިންވެސްޓްމެންޓް މަދުވުން ކަމަށް ބައެއް އިގްތިސާދީ މާހިރުން ބުނެއެވެ.