19 Oct 2016, 12:02
އެފްސީ ކޯޕަންހޭގަންގެ މައްޗަށް 0-1ގެ ނަތީޖާ އަކުން ކުރި ހޯދައިގެން ޔުއެފާ ޗެމްޕިއަންސް ލީގް ގުރޫޕް ސްޓޭޖްގައި ކުޅުނު ތިން ވަނަ މެޗު ވެސް ލެސްޓާ ސިޓީން ކާމިޔާބުކޮށް ދެ ވަނަ ބުރަށް ދިއުމުގެ އުންމީދު ބޮޑުކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގް މިދިޔަ އަހަރު ކާމިޔާބުކޮށް މުޅިން އަލަށް ޗެމްޕިއަންސް ލީގުގައި ވާދަކުރާ ލެސްޓާ ސިޓީން ރޭގެ މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމު އޮތީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ލިބުިގެން ގުރޫޕް ޖީގެ އެއްވަނާގަ އެވެ. ދެ ވަނާގައި އޮތް ކޯޕަންހޭގަންއަށް ލިބެނީ ހަތަރު ޕޮއިންޓެވެ. ތިން ވަނާގައި އެފްސީ ޕޯޓޯ އޮތީ 2-1ގެ ނަތީޖާ އަކުން ކްލަން ބްރެގްގީ ބަލިކޮށްގެންނެވެ.
ލެސްޓާ ސިޓީގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ މެޗުގެ 40 ވަނަ މިނެޓުގައި ރިޔާޒް މަޚްރޭޒް ކާމިޔާބްކޮށްދިން ގޯލުންނެވެ.
މެޗަށްފަހު ވާހަކަދައްކަމުން ލެސްޓާގެ ކޯޗު ކުލައުޑިއޭ ރަނިއެރީ ބުނީ މެޗުގައި އޭނާގެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާއި މެދު ފަޚްރުވެރިވާ ކަމަށާއި ނަމަވެސް ދެރަވަނީ ލީގުގައި އެ ކުޅުން ފެނިގެން ނުދާތީ ކަމަށެވެ.
"ލެސްޓާގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް. ނަމަވެސް ލީގުގައި އެ ކުޅުން ނުފެންނާތީ އަހަރެން ވަރަށް ކަންބޮޑުވޭ. އަހަރެންނަށް ވެސް އިނގޭ ކުޑަ ޓީމަކުން އަބަދު އެއްފެންވަރެއްގައި ވެސް ނުކުޅެވޭނެ ކަން،" ރަނިއެރީ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ޓޮޓެންހަމް އާއި ބަޔާން ލެވަކޫސަން ކުޅުނު މެޗު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެން ނިމުނު އިރު ސީއެސްކޭ މޮސްކޯ އާއި މޮނޯކޯ ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ.