މުވައްޒަފުންގެ ހައްޖު ސްކީމުގައި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބައިވެރި ވެއްޖެ އެވެ.

މިއަދު އެންޑީއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމުގެ އެއްބަސްވުމުގައި އެންޑީއޭއާ އެކު ހައްޖު ކޯޕަރޭޝަނުން ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެންޑީއޭގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ހަސަން ޝަހީލެވެ. އަދި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެ ސްކީމުގައި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން 33 ފަރާތެއް ބައިވެރިވެފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާ ތެރޭގައި އަމިއްލަ ބައެއް ކުންފުނިތަކާ އެކުވެސް ސޮއި ކުރެވިގެންދާނެ ކަމަށް ލަފާކުރާ ކަމަށެވެ.

ޔާމީން ވިދާޅުވީ އެހެން އިދާރާތަކެކޭ އެއްފަދައިން އެންޑީއޭއިން ވެސް ގިނަ މުވައްޒަފުން އެ ސްކީމުގައި ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އެހެން އިދާރާތަކެކޭ އެއްގޮތަށް މިތަނުގައި ވެސް ހަމަ ގިނަ ސްޓާފުން މި ސްކީމުގައި ބައިވެރިވެ މި ސްކީމުގެ އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރައްވައިގެން ހައްޖާ އުމުރާގެ އަޅުކަން ޅައުމުރުގަ މުސްކުޅިވުމުގެ ކުރިން އަދާ ކުރެވޭނެ މަގު ފަހި ވެގެން ދާ ގޮތުގަ މި ސްކީމް މިއޮތީ. އެހެންވީމަ އޭގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ކުރާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން،" ޔާމީން ވިދާޅުވި އެވެ.

އެންޑީއޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ޝަހީލް ވިދާޅުވީ އެކަމަކީ އެންޑީއޭގެ ހުރިހާ މުވައްޒިފުން ވެސް އިންތިޒާރު ކުރަމުން އައި ކަމެއް ކަމަށާއި، އެ ސްކީމްގެ ސަބަބުން އެތަނުގެ ވަރަށް ގިނަ މުވައްޒިފުންނަށް މުސްތަގުބަލުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އެކަމަކީ މުވައްޒިފުން ހައްޖުގެ އަޅުކަން އަދާކުރުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެސް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.