09 Jun 2011, 12:01
ދ. ހުޅުދެލީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް އެ ސަރަހައްދަށް ވެލި އަޅައި ހިއްކުމުގެ މަސައްކަތް ކުރި ކުންފުނިން އަމަލުކޮށްފައިވާ ގޮތުން އެ ރަށަށް ގެއްލުންވެ ރަށުގެ ހުޅަނގު އުތުރު ފަރާތް ވަރަށް ބޮޑަށް ގިރައި އަދި ފަސްއެޅި އިރު ރަނގަޅަށް ކަވަރުނުކޮށް މަސައްކަތް ކުރުމުން ފަރަށް ސެޑިމެންޓްތައް ފައިބައި ފަރަށް ވެސް ގެއްލުންވެފައިވާ ކަމަށް ހުޅުދެލީ ކައުންސިލުން ތުހުމަތުކޮށްފި އެވެ.
ހުޅުދެލީ ގިރާ ސަރަހައްދަށް ވެލިއެޅުމުގެ މަސައްކަތް 2006 ވަނަ އަހަރު ކުރީ ހެވީލޯޑް މޯލްޑިވްސް އިންނެވެ.
ހުޅުދެލީ އިރު ދެކުނު ފަރާތް ވަރަށް ބޮޑަށް ގިރަމުން ދިއުމުން 2006 ވަނަ އަހަރު އެ ސަރަހައްދަށް ވެލިއަޅައި ހިއްކުމުގެ މަސައްކަތް ހެވީ ލޯޑުން ކުރީ އެންވާރްމަންޓް މިނިސްޓްރީން ހުއްދަ ދީފައި އޮތް ގޮތާ ހިލާފަށް ރަށުގެ އެކި ދިމަދިމާއިންނާއި ފަޅު ތެރެއިން ވެލިނަގައިގެން ކަމަށާއި އަދި އެއާ އެކު އެ ރަށުގެ ހުޅަނގު އުތުރު ފަރާތް ވަރަށް ބޮޑަށް ގިރަމުން އަންނަ ކަމަށް އެ ރަށު ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ މުހަންމަދު އަބްދުލް ބާރީ ވިދާޅުވި އެވެ.
"އެ ދިމާލަކީ ކުރިން ގިރާ ދިމާލެއް ނޫން. ބަދިގަނޑު އެ ސަރަހައްދަށް ކިޔާނީ. އެ ދިމާލުން ވެލިނަގަން އޭރު އެންވާރްމަންޓް މިނިސްޓްރީން ފޮނުވާފައި އޮތް ޗާޓުގައި ހުއްދަ ވެސް ނުދީ އޮތީ. އޭގެ ފަހުން މިވީ ދުވަސްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ގިރާފައި އެ ހުރީ. މިހާރު ވެސް ވަރަށް ބޮޑަށް އެ ސަރަހައްދު ގިރަމުން ދަނީ. އަޅުގަނޑަށް ޔަގީންކަމާ އެކު ދަންނަވަން ކެރޭނެ އެދިމާލުން ވެލި ނެގި ފަހުން އެތަން ގިރަމުން ދާ ކަމަށް،" ކުރިން ކަތީބުކަން ވެސް ކުރެއްވި އަބްދުލް ބާރީ ވިދާޅުވި އެވެ.
އެންވާރްމަންޓް މިނިސްޓްރީން ހުއްދަދީފައިވާ ގޮތާ ހިލާފަށް ހުޅުދެލީ އިރު ދެކުނު ފަރާތު ފަރުން ވެސް ވެސް ވެލިނަގާފައިވާ ކަމަށް ބާރީ ވިދާޅުވި އެވެ.
"އެތަނުން ވެސް ވެލިނަގާފައި ހުރީ. ދެން ގެއްލުންލިބިފައި ދެއްތޯ ހުންނާނީ. އެކަމަކު ގެއްލުންވި ވަރު ދިރާސާއެއް ނަހަދައި އޮތީމާ ދަންނަވަން ދަތި،" އޭނާ ވިދާޅުވި އެވެ.
ހެވީލޯޑުން މަސައްކަތް ކުރި ގޮތުން ހުޅުދެލީގެ ތިމާވެއްޓަށް ނުބައި އަސަރުތަކެއް ކުރަމުންދާ ކަމަށް ބުނާ މައްސަލައިގާ އޭރު ކަތީބަކަށް ހުންނެވި އަދި މިހާރު އެ އަތޮޅު، އަތޮޅު ކައުންސިލުގެ މެންބަރު ހަމްދީ އަބްދުﷲ ވިދާޅުވީ އިރު ދެކުނު ފަރާތު ފަޅުން ވެލިނަގަމުން ގޮސް ހެވީލޯޑުން ފަރުގެ 100 ވަރަކަށް ފޫޓު އެތެރެއަށް ކޮނެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފަރަށާއި ރަށުގެ ތިމާވެއްޓަށް ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށެވެ.
"ގެއްލުންތަކެއް ވެފައި އެބަހުރި. އޭގެ އެއްވެސް ދިރާސާއެއް ހެދިފައި ނެތީމާ އެ ލިބިފައި ހުރި ގެއްލުންތަކުގެ ތަފްސީލެއް ދަންނަވާކަށް ނޭނގޭ. އެއީ ތަހުލީލު ކުރަން ޖެހޭ ކަންކަން،" ހަމްދީ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީޙުގެ މެޖޯރިޓީ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުގެ ހިއްސާ އޮންނަ ހެވީލޯޑް މޯލްޑިވްސް އިން އެ ރަށުގެ ފަރަށް ގެއްލުން ލިބޭ ގޮތަށް ވެލި އެޅި ކަމަށް ބުނާ، މަސައްކަތް ކުރި އިރު އެކަމުން އެ ރަށު ފަރަށް ލިބިފައިވާ ގެއްލުންތައް ބަލައި އެއްވެސް ފަރާތަކުން ދިރާސާއެއް ކޮށްފައިނުވާ ކަމަށް ވެސް ހަމްދީ ވިދާޅުވި އެވެ.
"އޭރު ޕްރޮޖެކްޓު ސްޕައިވައިޒްކުރައްވަން ހުންނެވި ބޭފުޅާ ގާތުގައި ރަށުގެ ރައްޔިތުންގެ ޝަކުވާ ލިބޭތީ ހުއްޓާލުމަށް އެންގިން. އެކަމަކު އޭރު ބޮޑު ބައެއް ކޮނެފައި އޮތީ. ދެން އެހެން އެންގީމާ އެ ބޭފުޅުން އެކަން ހުއްޓާލި. ދެން އޭގެ ފަހުން އެތަނަށް ލިބުނު ގެއްލުމެއް އަދި ކަމާ ބެހޭ އެއްވެސް ފަރާތަކުން ބެއްލެވި ކަމެއް ނޭނގެ،" ހަމްދީ ވިދާޅުވި އެވެ.
ތިމާވެއްޓަށް ލިބޭ ގެއްލުންތައް ބަލާ ދިރާސާ ކުރާ ބޯޑު، އެންވާރް މެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ އިބްރާހިމް ނައީމް މިއަދު ވިދާޅުވީ ހުޅުދެލީ ގިރާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް ކުރީ އެ ރަށް ވަރަށް ބޮޑަށް ގިރަމުން ގޮސް ރައްޔިތުންނަށް ނުރައްކާވާ ހިސާބަށް ދިޔުމުން ކަމަށެވެ. އަދި އެ ހާލަތުގައި އީއައިއޭ ރިޕޯޓް ވެސް ހަދަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ރަށް ވަރަށް ބޮޑަށް ގިރައި ރައްޔިތުންގެ މުދަލަށް ގެއްލުންވާން ފެށީ. އެ ހިސާބުން ވަރަށް އަވަހަށް ކުއްލި ގޮތަކަށް އެ މަސައްކަތް ކުރަންޖެހިފައި އޮތީ. އެފަދަ ހާލަތެއްގައި ގެއްލުންތަކެއްވެދާނެ. ކުއްލި ދަނޑިވަޅުތަކުގައި މީހުންގެ ސަލާމަތްތެރިކަން މުހިންމު ވާނީ،" ނައީމް ވިދާޅުވި އެވެ.
ހުޅުދެލީ މައްސަލައިގާ މޫސަ އާ ގުޅުމުން ވިދާޅުވީ ހެވީލޯޑުގެ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދެނީ އޭނާ ނޫން ކަމަށާއި އެއީ އޭނާގެ ދަރިންގެ ކުންފުންޏެއް ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ހެވީލޯޑާ ގުޅުމުން ވެސް ވަނީ މީޑިޔާ އަށް މައުލޫމާތު ދޭނެ މީހަކާ ބައްދަލުވާގޮތް ނުވެފަ އެވެ.
ތިމާވެށީގެ ގާނޫނުގެ ދަށުން ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ނަމަ އެ ލިބުނު ގެއްލުމުގެ ކުޑަ ބޮޑުމިނަށް ބަލައި އެއްލައްކަ ރުފިޔާ އަށް ވުރެ މަތީ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ސަރުކާރަށް ލިބިގެންވެ އެވެ.
އެފަދަ މައްސަލައެއްގައި އީޕީއޭ އިން ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.