ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވާ މިންވަރާ ގުޅޭ ގޮތުން މަޖިލީހުގެ ލަފަޔަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވުމުން، އެ މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ދިރާސާ ކުރުމަށްފަހު ކޮމަންވެލްތުން ވަކިވާން ނިންމައިފި އެވެ.

ކޮމަންވެލްތުން ވަކިވާން ކޮމެޓީން ނިންމި ނިންމުން ފާސްވީ، ކޮމެޓީ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.

ކޮމެޓީ ރިޕޯޓުގައި ބުނެފައި ވަނީ ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވެފައި އޮތުމުން ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕުން 2012ވަނަ އަހަރުން ފެށިގެން އެކި ފަހަރުގެ މަތީން ހަމަޔާއި އިންސާފުން ބޭރުން ދިވެހިރާއްޖެއާ މެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާހިލީ ސިޔާސަތުތަކަށް ބާރު ފޯރުވާފައިވަ ކަމަށެވެ.

ކޮމެޓީ ރިޕޯޓުގައި ބުނީ ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ގެންދާތީ އެކަމުގެ ނުރަނގަޅު ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ފޯރަމުންދާ ކަމަށެވެ. އަދި ބުނީ އެފަދަ ކަންކަމަކީ ރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމަށް ލޮޅުން އެރުމަށް މެދުވެރިވާ ކަމެއް ކަމަށް ކޮމެޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވާ މިންވަރާ ގުޅޭ ގޮތުން މަޖިލީހުގެ ލަފަޔަށް ރައީސް ޔާމީން އެދިވަޑައިގެންނެވީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 20ވަނަ ދުވަހު އެވެ.

ރައީސް ޔާމީން މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އެންމެ ފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުގައި ފާއިތުވެގެންދާ ދުވަސްތަކުގެ ތެރޭގައި ކޮމަންވެލްތު މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހަރަކާތްތެރިވަމުންދާ ގޮތާއި ހަރަކާތްތެރިިވަމުންދާ މިންވަރު ދެނެގަތުމުގެ ގޮތުން އިތުރަށް "މުތާލިއާ" ކުރަން ޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމުގައިވީ ހިނދު މިކަމުގައި މަންދޫބުންގެ މަޝްވަރާއެއް ހޯދުމަކީ މުނާސަބު ކަމެއް ކަމުގައި އަޅުގަނޑަށް ފެންނާތީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅުއްވާ މިކަމުގައި ގޮތެއް ނިންމަވާ ދެއްވުން އެދެމެވެ." ރައީސް ޔާމީންގެ ސިޓީފުޅުގައިވެ އެވެ.

އިއްޔެ މަޖިލީހުގެ ތަޅުމުގައި އެ މައްސަލައަށް ބަހުސް ކުރުން ވެސް އޮތެވެ. ބަހުސް މަރުހަލާގައި ސަރުކާރަށް ތާއީދު ކުރައްވާ ގިނަ މެމްބަރުން ވަނީ ކޮމަންވެލްތުން ވަކިވުމަށް ތާއީދުކޮށް ވާހަކަފުޅުދެއްކެވިއިރު އިދިކޮޅު މެމްބަރުން ވަނީ ކޮމަންވެލްތުން ވަކިވުމަކީ ސަރުކާރުން ހަދާ ގޯހެއް ކަމަށް ބުނެ ވާހަކަފުޅުދައްކަވާފަ އެވެ.

ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވެފައި ވަނީ 1982ވަނަ އަހަރު އެވެ.