ދިވެހި ފުޓްބޯޅައަށް އަގުނުކުރެވޭ ފަދަ ހިދުމަތެއް ކޮށްދެއްވާފައިވާ އަލީ ނަސީމް (ކޮއްޔަ) 59، ނިޔާވުމާއެކު މުޅި ފުޓްބޯޅަ އާއިލާ ރޮއްވާލައިފި އެވެ.

ފުޓްބޯޅަ އެސޯސިއޭޝަނެއް އުފެއްދުމުގެ ކުރިން ފެށިގެން ފުޓްބޯޅަ ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކޮއްޔަ ނަސީމް ނިޔާވެފައި ވަނީ ކުއްލި ގޮތަކަށް ރޭގެ ވަގުތެއްގަ އެވެ. އާއިލާއާ ހަވާލާދީ އޭނާގެ އެކުވެރިޔަކު "ސަން" އަށް ބުނީ ކޮއްޔަ ނިޔާވިކަން އެނގުނީ ފަތިސްނަމާދަށް ނުހޭލާތީ އޭނާއަށް ގޮވުމުން ކަމަށެވެ.

"ބެލެވެނީ ނިދީގައި ނިޔާވި ކަމަށް، ވަރަށް ހެޔޮ، ރަނގަޅު މީހެއް އޭނާއަކީ،" ކުރީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ޝިފާން ރައުފު ވިދާޅުވިއެވެ.

ނިޔާވިއިރު ކޮއްޔަ ހަވާލުވެ ހުންނެވީ މާލޭ ޓާފުދަނޑުތަކާ އެވެ. އެ ދަނޑުތައް ޓީމުތަކަށް ހަމަޖެއްސުމާއި ލައިޓުތައް އޮޕަރޭޓް ކުރަނީ އޭނާ އެވެ. ރޭވެސް އެވަޒީފާގައި އޭނާ މަސައްކަތް ކުރި އެވެ.

ކުޅިވަރަށް ހިދުމަތް ކުރުމުން ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ނަސީމް ވަނީ ކްލަބް ވެލެންސިއާ އާއި ގައުމީ ފުޓްބޯޅަ ޓީމުގެ އެކި މަގާމުތަށް އަދާކޮށްފަ އެވެ. އެގޮތުން 1997 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އާއި އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ރާއްޖެ ހޯދިއިރު ގައުމީ ޓީމުގެ އެސިސްޓަންޓް މެނޭޖަރުކަށް ވެސް ހުރީ ނަސީމެވެ.

އެ ހަބަރު ލިބިގެންދިއުމާއެކު މުޅި ފުޓުބޯޅަ އާއިލާއަށް ވަނީ މާޔޫސްކަމެއް ލިބިފައެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހް އިސްމާއިލް ސިފަ ކުރައްވާ ގޮތުގައި ވަކިވެގެން އެދިޔައީ ސާދާ މިޒާޖެއްގެ އަގުހުރި ހިދުމަތްތެރިއެއް ކަމަށެވެ.

"ފުޓްބޯޅައަށް ވަރަށް ބޮޑު ހިދުމަތެއް ކުރެއްވި. ފުޓް ބޯޅަ އެސޯސިއޭޝަން، އެ ނަމަށް އައުމުގެ ކުރިން ވެސް، ފެށުނީސްސުރެ. ބޮޑަށް އުޅުއްވީ ހިންގުމުގެ ދާއިރާގައި،" ޝާހް ވިދާޅުވި އެވެ.

ކޮއްޔަ މިއަހަރު ހައްޖުގެ އަޅުކަމަށް ވެސް ވަޑައިގެންނެވި އެވެ. އޭނާ އަކީ ހިލޭ ސާބަހަށް އެތައް ބައެއްގެ ކަށުކަމާކެމީގެ ކަންތަކުގައި ހަރަކާތްތެރިވާ ފަރާތެކެވެ.

ކޮއްޔަގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު ފުރުގާން މިސްކިތުގައެވެ.

ހަރުދަނާ، އެކުވެރި ހިދުމަތްތެރިޔާ ކުއްލިގޮތަކަށް ނިޔާވެގެން ދިއުމަކީ ދިވެހި ފުޓްބޯޅައަށް ލިބިގެންދިޔަ ފަޅުކަމެކެވެ.