19 Oct 2016, 11:35
މުމްބާއީ (އޮކްޓޯބަރު 19): އިންޑިއާގެ އޮޑީޝާ ސްޓޭޓުގެ ބުބަނޭސްވަރުގައި ހުންނަ ސަމް ހޮސްޕިޓަލުގައި ރޯވި ހާދިސާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ވިހި މީހަކު މަރުވި އެ ހާދިސާއާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ މެޑިކަލް ސުޕްރިޓެންޑެންޓަކާއި، ފަޔާ ސޭފްޓީ އޮފިސަރަކާއި، ހޮސްޕިޓަލުގެ އިލެކްޓްރިކަލް ޑިވިޝަންގައި މަސައްކަތް ކުރާ ދެމީހުންނެވެ.
އެ ހަތަރު މީހުންގެ މައްޗަށް ގަސްތަކާ ނުލައި މީހުން މެރުމުގެ ދައުވާ އާއި ފަރުވާ ކުޑަ ކުރުމުގެ ދައުވާ ކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ޔޮގޭޝް ޚުރާނިއާ ވިދާޅުވި އެވެ.
އަދި މައްސަލައާ ގުޅިގެން އިތުރު ބަޔަކު ހައްޔަރު ކުރުންވެސް އެކަށީގެންވާ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
ހޯމަ ދުވަހުގެ ރޭ ސަމް ހޮސްޕިޓަލުގައި ރޯވާން މެދުވެރިވީ ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ޑައެލެސިސް ވޯޑުގައި ކަރަންޓް ޝޯޓެއް ދިމާވުމުން ކަމަށް ފުލުހުން ލަފާ ކުރެ އެވެ. އެއަލިފާންގަނޑު ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންޓެންސިވް ކެއާ ޔުނިޓަށާއި، ހަތަރު ފަންގިފިލާގެ މުޅި އިމާރާތައް ފެތުރިފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އެހާދިސާގައި ސަލާމަތްވި ބަލިމީހުން ވަނީ ބުބަނޭޝްވަރުގެ ކެޕިޓަލް ހޮސްޕިޓަލަށާއި އޭއެމްއާރުއައި ހޮސްޕިޓަލަށާއި އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އޭއައިއައިއެމްއެސް)އަށް ބަދަލުކޮށްފަ އެވެ.
އަދި އޮޑީޝާގެ ޗީފް މިނިސްޓަރު ނަވީން ޕަޓްނިކް ވަނީ ހޮސްޕިޓަލުން ސަލާމަތްވި ބަލި މީހުންނަށް ޒިޔާރަތް ކުރައްވާ، އެ މީހުންނަށް ހިލޭ ބޭސް ފަރުވާ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެނާ ވަނީ އެހާދިސާ ތަހުގީގު ކުރުމަށް އަންގަވާފަ އެވެ. (ބީބީސީ)