ރިޔާދު (އޮކްޓޯބަރު 19): މީގެ ތިން އަހަރު ކުރިން ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި މީހަކު މަރާލުމުގެ ކުށުގައި އެ ގައުމުގެ ޕްރިންސެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި ކަމަށް ސައުދީ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.

ސައުދީ ރައްޔިތެއް ކަމަށްވާ އާދިލް ބިން ސުލައިމާން މަރާލުމުގެ ކުށުގައި މަރަށް ހުކުމް ކުރި ޕްރިންސް ތުރްކީ ބިން ސައުދް އަލް ކާބިރުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައި ވަނީ ރިޔާދުގަ އެވެ.

ރިޔާދުގެ އަލް ތުމާމާ ސަރަހައްދުގައި މީގެ ތިން އަހަރު ކުރިން ކުރިއަށް ދިޔަ ހަމަނުޖެހުންތަކެއްގައި އާދިލް މަރާލި ކަމަށް ޕްރިންސް ކާބިރު ވަނީ އެއްބަސްވެފައި ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ. އަދި މަރުވި މީހާގެ އާއިލާއިން ވަނީ މަރުގެ ދިޔައިގެ ބަދަލުގައި މަރަށް މަރު ހިފުމަށް އެދިފައި ކަމަށް ސައުދީ ނޫސް އޭޖެންސީ އަލް އަރަބިއްޔާގައިވެ އެވެ.

އެއީ މިއަހަރު ސައުދީ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރި 134 ވަނަ ފަހަރު ކަމަށް އޭއެފްޕީން ބުނެ އެވެ. ނަމަވެސް އެ ގައުމުގައި ޝަހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އާއްމު ކަމެއް ނޫން ކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. (ބީބީސީ)