ލަންޑަން (އޮކްޓޯބަރ 19) : އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތާއި އަފްޣާން ސަރުކާރާ ދެމެދު ގަތަރުގައި ސިއްރު ވާހަކަތަކެއް ކުރިޔަށް ގެންގޮސްފި ކަމަށް ޚަބަރު ލިބިއްޖެއެވެ.

ލަންޑަންގައި ނުކުންނަ "ދަ ގާޑިޔަން" ނޫސް ބުނާ ގޮތުން ގަތަރުގެ ވެރިރަށް ދަވްޙާ ގައި ބޭއްވި މި ވާހަކަތަކުގައި ތާލިބާންގެ ފަރާތުން ވެސް އަދި އަފްޣާން ސަރުކާރުގެ ފަރާތުން ވެސް ބައިވެރިވެފައިވަނީ އެ ދެފަރާތުގެ އިސް މަސްއޫލުވެރިންނެވެ.

މިވާހަކަތައް ކުރިޔަށް ދިޔައީ އެމެރިކާގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް އެނޫސް ބުނެ އެވެ. 2013 ވަނަ އަހަރުވެސް ގަތަރުގެ ވެރިރަށް ދަވްޙާގައި އަފްޣާން ސަރުކާރުގެ މަސްއޫލުވެރިންނާއި ތާލިބާނުންގެ މަސްއޫލުވެރިންނާ ދެމެދު ސުލްހައިގެ ވާހަކަތަކެއް ސިއްރިޔާތުގައި ބާއްވާފައިވެ އެވެ. ނަމަވެސް އެ ވާހަކަތައް ކޮޅެއްގައި ޖެހިފައެއް ނުވެއެވެ. އަދި އެވާހަކަތައް ކުރިޔަށްދިޔަކަން ތާލިބާނުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ތާލިބާނުންނަކީ އިސްލާމް ދީނުގެ ނަމުގައި ވަރަށް ހަރުކަށި އަމިއްލަ ގޮތްތަކެއް ގެންގުޅޭ ހަނގުރާމަވެރި ޖަމާއަތެވެ. 2001 ގައި އެމެރިކާ ސިފައިން އަފްޣާނިސްތާނަށް ގަދަބާރުން އަރައި ތާލިބާނުންގެ ވެރިކަން ވައްޓާލުމަށްފަހު 13 އަހަރުވަންދެން އެމެރިކާގެ ފުރިހަމަ ބާރާއެކު ތާލިބާނުންނާ ހަނގުރާމަ ކުރިނަމަވެސް އެޖަމާއަތް އަސްކަރީގޮތުން ބަލިކޮށްލުމުގައި އެމެރިކާގެ ބާރުގަދަ ލަޝްކަރުތައް ވަނީ ނާކާމިޔާބުވެފައެވެ. ތާލިބާނުންގެ މަގްސަދަކީ އަފްޣާނިސްތާނުގެ ވެރިކަމެވެ. އަދި އެޖަމާއަތުން ދީނުގެ ނަމުގައި ގެންގުޅޭ އަމިއްލަ ހަރުކަށި ފަލްސަފާ އާއި ފިކުރުތައް ގަބޫލުކުރުމަށް އަފްޣާން ހުރިހާ ރައްޔިތުންނަށް (ތާލިބާނުންގެ ފިކުރާ ތަފާތު މަޛްހަބްތަކުގެ މީހުންނާއި ޣައިރު މުސްލިމުންވެސް ހިމެނޭގޮތަށް) މަޖްބޫރު ކުރުވުމެވެ.

މިކަން ތާލިބާނުން ޕްރޮމޯޓް ކުރަނީ އިސްލާމީ ޝަރީޢާ ގާއިމް ކުރުމުގެ ނަމުގަ އެވެ. ނަމަވެސް މިއީ ތާލިބާނުންނަށް ކުރެވޭނެ ކަމެއްނޫންކަން މިޙާރުވެސް އަދި މާޒީގައިވެސް ވަނީ ހާމަވެފައެވެ. ތާލިބާނުންނަކީ އަފްޣާނިސްތާނުގެ ދައުލަތުގެ އަމްނާއި ސުލްޙަ ނަގާލެވޭފަދަ އަސްކަރީ ބާރު ލިބިގެންވާ ޖަމާއަތަކަށްވާތީ އެ ޖަމާއަތާއެކު ސުލްހަ ގާއިމް ކުރުމަށް އަފްޣާން ސަރުކާރު ބޭނުންވެ އެވެ. ނަމަވެސް ތާލިބާނުން މަގްސަދު ހާސިލް ނުކުރެވޭ ގޮތަށް ސުލްޙަ ގާއިމް ކުރަން އެ ޖަމާއަތުން ބޭނުމެއް ނުވެއެވެ. ތާލިބާނުން ވަނީ އެޖަމާއަތަށް ވާގިވެރިވާ ޖަމާއަތެއް ޕާކިސްތާނުގައިވެސް އުފައްދާފައެވެ.

އަފްޣާން ތާލިބާނުންނެކޭ އެއްގޮތަށް ޕާކިސްތާން ތާލިބާނުންނަކީވެސް އެޖަމާއަތުގެ ހަރުކަށި ފިކުރުތައް ފެތުމަށްޓަކައި އެގައުމުގައި ހަނގުރާމަކޮށް ބޮންގޮއްވައި ކުށެއްނެތް އާންމުން މަރައި ޝަރުއީ ސަރުކާރާ ދެކޮޅަށް ނުކިޔަމަންތެރިކަން ދައްކައި ބަޣާވާތް ކުރަމުން ގެންދާ ހަރުކަށި ޖަމާއަތެކެވެ. އަފްޣާން ތާލިބާނުން ސުލްހައިގެ މޭޒު ދޮށަށްގެނައުމަށް ޓަކައި ޗައިނާއާއި ޕާކިސްތާންވެސް އަފްޣާން ސަރުކާރަށް އެހީތެރިވަމުން ގެންދެއެވެ.

އަފްޣާން ތާލިބާން ޖަމާއަތާއި އަފްޣާން ސަރުކާރާ ދެމެދު ގަތަރުގައި ބޭއްވި ސިއްރު ބައްދަލުވުމަށް ތާލިބާނުން ޙާޒިރުވީ ގަތަރުން އެޖަމާއަތަށް ބޮޑު މާލީ އެހީއެއްދީގެން ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ. ނަމަވެސް މިކަން ސާފުވެފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)