09 Jun 2011, 11:50
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހަންމަދު މުސްތަފާގެ ބޯޓަކަށް ބަޔަކު އަރައި ބޮޑެތި ގެއްލުންތަކެއް އެ ބޯޓަށް ދީފި ކަމަަށް އޭނާ ބުނެފި އެވެ.
މުސްތޮފާ މިއަދު ވިދާޅުވީ ކ. ތިލަފުށީ ފަޅުގައި އަޅާފައި އޮތް އޭނާގެ "އެމްވީ ސީއެމްޖޭ" އަށް އިއްޔެ ހެނދުނު 13 މީހަކު އަރައި ގެއްލުންތައް ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ 2500 ޓަނުގެ ބޯޓަށް ގެއްލުން ދިން މައްސަލަ ފުލުހުންނަށާއި ސިފައިންނަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.
"އަޅުގަނޑު އިއްޔެ ހެނދުނު މަޖިލީހުގައި އިންދާ މި ހަބަރު ލިބުނީ. ކަންތައްވީ ގޮތް ބެލިއިރު 13 މީހުން ތިބި ކަންނެލި ދޯންޏަކުން ބޯޓަށް ވަގަށް އަރައި މި ގެއްލުންތަކެއް ދިނީ،" މުސްތޮފާ ވިދާޅުވި އެވެ.
މިނީ ކޮންޓެއިނަރު އުފުލާ ބޯޓަށް އެރި މީހުން ގެއްލުން ދީފައި ވަނީ ވީލް ހައުސް މަތީގައި ހުރި ބައެއް ތަކެއްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގެއްލުންތައް ގާތްގަނޑަކަށް 40000 ޑޮލަރަށް އަރާ ކަމަށް މުސްތޮފާ ވިދާޅުވި އެވެ.
"އެމީހުން އެރިގޮތަށް އަރައި ވީލް ހައުސް މަތީގައި ހުރި ފިއުލް ޕަމްޕަކާއި އަދި ބޭލްސް ޕަމްޕް ފުނޑު ކޮށްލާފައި މޫދަށް އުކާލައި އަދިވެސް ބައެއް ސާމާނުތައް ފުނޑު ފުނޑު ކޮށްލާފައި ހުރީ،" މުސްތޮފާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެމީހުން ބޯޓުގެ ފަޅުވެރިންނަށް ބިރު ދައްކައި ބޯޓުގައި ރޯކޮއްލާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށެވެ.
"އެ މީހުންގެ އަޑު އިވިގެން ބޯޓުގެ ފަޅުވެރިން ނުކުމެ ބޯޓު ސަލާމަތް ކުރަން އުޅުމުން މި މީހުން ބުނި ކަމަށް ވަނީ މަރާލާނަމޭ އަދި ބޯޓުގައި ވެސް ރޯކޮށްލާނަމޭ. ފަޅުވެރިން ހުރަސް އެޅުމުން އެމީހުންނަށް އަވަހަށް ފައިބައިގެން ދިޔައީ. ދަމުން މި އިންޒާރުތަށް ދިނީ،" މުސްތޮފާ ވިދާޅުވި އެވެ.
މުސްތޮފާގެ ބޯޓަށް ބަޔަކު އަރައި ގެއްލުން ދިން މައްސަލައިގައި ފުލުހުންގެ މީޑިޔާ އޮޕިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން މައްސަލަ ތަހުގީގު ކުރަން ފަށާފައި ވާއިރު އެ ހާދިސާ މުސްތޮފާ ސިފަކުރައްވަނީ އެއީ ބަޔަކު ސިޔާސީ ބޭނުމެއްގައި އޭނާއަށް ދިން ޓެރަރިޒަމްގެ ހަމަލައެއްގެ ގޮތުގަ އެވެ.
"މިއީ ހަމަ ކުރިން ދުރާލާ ރޭވިގެން ހިންގާފައި އޮތް ކަނޑުފޭރުމުގެ އަމަލެއް. މިއީ ހަމަ ސިޔާސީ ބޭނުމެއްގައި ސީދާ އަޅުގަނޑަށް ދިން ހަމަލައެއް." މުސްތޮފާ ވިދާޅުވި އެވެ.