19 Oct 2016, 01:58
ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފައިވާނަމަ އެކަމުގެ ތަފްސީލު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ޖެންޑާ މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އާމިނަތު ނާދިރާ، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފިއެވެ.
އެ ދެ ބޭފުޅުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޕާޓީން ވަކިކުރެއްވިކަން އެނގިވަޑައިގަތީ މީޑިއާއިން ކަމަށާއި އެ ދެ ބޭފުޅުން ޕާޓީން ވަކިކުރެއްވިކަން މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިނުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ސަން އަށް ވިދާޅުވީ، އެ ކޮމިޝަންގައިވާ ޕީޕީއެމްގެ މެމްބަރުންގެ ދަފްތަރުން ނާދިރާ އާއި ފާރިސް ވަކިކޮށްފައި ވަނީ ޕީޕީއެމްގެ ކައުންސިލްގެ 20 މެމްބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި ޝަކުވާއަކާ ގުޅިގެން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގައިވާ ޕީޕީއެމްގެ މެމްބަރުންގެ ދަފްތަރުން ނާދިރާގެ ނަން އުނިކޮށްފައިވާއިރު، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރިޔާސަތުގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އޭނާ ޕީޕީއެމްގެ ނައިބު ރައީސް ކަމަށް އައްޔަން ކުރައްވައިފައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާދިރާ ވިދާޅުވީ، ޕާޓީގެ މެމްބަރުކަމުން ވަކިކުރެވޭނެ އުސޫލާއި ސުލޫކީ ފިޔަވަޅު އެޅޭނެ އުސޫލުތައް ވަނީ ކަނޑައެޅިފައި ކަމަށާއި ނަމަވެސް އެފަދަ އުސޫލެއްގައިވާ ގޮތުގެމަތިން އޭނާ ޕާޓީން ވަކިކުރިކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ.
ރައީސް މައުމޫންގެ ރިޔާސަތުގައި ޕީޕީއެމްގެ ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވި އާމިނަތު ނާދިރާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ
ނާދިރާ ވިދާޅުވީ، އޭނާ އަކީ ޕީޕީއެމްގެ މެމްބަރުންގެ 319 ވޯޓުން، އެޕާޓީގެ ގައުމީ ޖަލްސާ އިން ޕާޓީގެ ކައުންސިލަށް އައްޔަންކޮށްފައިވާ މެންބަރެއް ކަމަށެވެ.
"އަޅުގަނޑު އަދިވެސް މިހިރީ ޕީޕީއެމްގައި. ޕީޕީއެމްގެ މެމްބަރުން ޕީޕީއެމްގެ ގައުމީ ޖަލްސާއެއްގައި 319 ވޯޓުން ހޮވުނު މީހެއްގެ ހައިސިއްޔަތުން، އެބޭފުޅުން އަޅުގަނޑަށް ކުރައްވާފައި އޮތް އިތުބާރުގެ މައްޗަށް ބިނާކޮށް އެބޭފުޅުންނަށް ޚިދުމަތްކުރުމަށް ނުކުމެ އަޅުގަނޑު މިހުރީ،" ނާދިރާ ވިދާޅުވިއެވެ.