ޖަލްސާ ބާއްވާނެ ތަނެއް ހައުސިން މިނިސްޓްރީގައި އެދިގެން ނުލިބުނަސް ކޮންމެ ގޮތެއް ހަދާފައިވިޔަސް ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާ އޮންނާނެ ކަމަށް އެޕާޓީގެ ސްޕޯކްސް ޕާސަން ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރިޔާސަތުގައި އައްޔަން ކުރެއްވި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ، މި މަހުގެ 27 ވަނަ ދުވަހަކީ އެ ޕާޓީގެ އަހަރީ ދުވަސް ކަމަށްވާތީ، އެދުވަހުގެ ރޭ ޖަލްސާ ބާއްވަން ދަރުބާރުގެ ހޯދަން ހައުސިން މިނިސްޓްރީގައި ޕީޕީއެމް އިން އެދުނު ކަމަށެވެ. ނަމަވެސް އެ ތާރީޚަށް ދަރުބާރުގެ ދެވެން ނެތް ކަމަށާއި މިމަހުގެ 31 ވަނަ ދުވަހަށް ހަމަޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން އެންގި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، މިމަހުގެ 31 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ޖަލްސާ ބާއްވަން ފައިސާ ދައްކާފައި ވަނިކޮށް އިމްތިހާނެއް ކުރިއަށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ދޭންޖެހޭތީ އެ ތާރީޚުގައި ވެސް ދަރުބާރުގެ ލިބެން ނެތް ކަމަށް ހައުސިން މިނިސްޓްރީން އަނެއްކާވެސް އަންގާފައިވާ ކަމަށެވެ.

ޖަލްސާ ބާއްވަން އެހެން ތަނެއް ލިބޭތޯ ހައުސިން މިނިސްޓްރީގައި އެދިގެން މަސައްކަތް ކުރާނެ ކަމަށާއި އެ މިނިސްޓްރީން އެއްވެސް ތަނެއް ހަމަނުޖެއްސިޔަސް 31 ވަނަ ދުވަހުގެ ރޭ ޖަލްސާ އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެޓް އެނީ ކޯސްޓް. ކޮންމެ ތަނެއްގައި ބާއްވަންޖެހުނަސް މި ޖަލްސާ އަޅުގަނޑުމެން ބާއްވާނެއޭ. އަދި ދަރުބާރުގެ ނުލިބުނު ކަމުގައި ވީނަމަވެސް އާޓިފިޝަލް ބީޗް ނުލިބުނު ކަމުގައި ވީނަމަވެސް ކާނިވާ ސަރަހައްދު ނުލިބުނު ކަމުގައި ވީނަމަވެސް އަޅުގަނޑުމެން ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާ ބާއްވާނެ،" ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިރޭ ރައީސް މައުމޫންގެ ރިޔާސަތުގެ ދަށުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.