ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ކްލަބް އީގަލްސްއާ ޓީސީ ސްޕޯޓްސް ކަލަބް ބައްދަލުކުރަން ޖެހިއްޖެއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ މިވަގުތު އެންމެ ވާދަވެރި ދެޓީމަކީ ވެސް ދެވަނައިގައި އޮތް ޓީސީއާއި ތިން ވަނައިގައި އޮތް އީގަލްސްއެވެ. އެ ދެޓީމުގެ ދެމެދުގައި އޮތީ އެއް ޕޮއިންޓުގެ ތަފާތަކެވެ. އެހެންކަމުން ލީގްގައި ބާކީ އެއް މެޗު ކޮންމެޓީކަށް ވެސް އޮތްއިރު ދެވަނަ ކަށަވަރު ކުރުމުގެ ފުރުސަތު އީގަލްސްއާ ޓީސީއަށް ވެސް ވަނީ ފަހިވެފައެވެ.

އީގަލްސްއާ ޓީސީ ބައްދަލުކުރާ އެފްއޭ ކަޕް މެޗު އޮންނާނީ މި މަހު 31 ވަނަ ދުވަހު އެވެ. ފުރަތަމަ ކުއާޓާ ފައިނަލުގައި މި މަހު 30 ވަނަ ދުވަހު، އެންމެ ފަހުގެ ރަނަރަޕް ނިއު ރޭޑިއަންޓް ބައްދަލުކުރާނީ މި މަހު 25 ވަނަ ދުވަހު ބީޖީ ސްޕޯޓްސް ކްލަބާއި ވޭރު ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

އެފްއޭކަޕް އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާއިރު، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ވާދަ ކުރަން ޖެހޭނީ ދެ ވަނަ ބުރުގައި މިމަހު 25ގައި ޔުނައިޓަޑް ވިކްޓްރީ އާއި ވިލިމާލޭ ޔުނައިޓެޑް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މާޒިޔާ ކުޅޭ ކުއާޓާ ފައިނަލް މެޗް އޮންނާނީ އަންނަ މަހު ދެ ވަނަ ދުވަހުއެވެ.

އެންމެ ފަހުން އެފްއޭކަޕް ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ. މިދިޔަ އަހަރު އެ މުބާރާތް ނުބޭއްވުނީ މިނިވަން ދުވަހުގެ ކުޅުވަރުތަކަށް ފަހު ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑު ހަލާކުވުމާ ގުޅިގެންނެވެ.

ކުއާޓާ ފައިނަލް މެޗްތަކަށް ފަހު ސެމީ ފައިނަލް ފުރަތަމަ މެޗް އޮންނާނީ އަންނަ ނޮވެމްބަރު މަހު ފަސް ވަނަ ދުވަހުއެވެ. ދެ ވަނަ ސެމީ ފައިނަލް މެޗް އޮންނާނީ ހަ ވަނަ ދުވަހުއެވެ.

ފައިނަލް މެޗް އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހުއެވެ.