19 Oct 2016, 00:19
ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހްމަދު އެ ޕާޓީ ދޫކުރައްވައި، ސަރުކާރު ހިންގާ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.
އިލްހާމް ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ނިންމާފައިވާކަން އޭނާގެ އަރިސް ބޭފުޅަކު ވަނީ، ސަންއަށް ކަށަވަރުކޮށްދީފައެވެ.
އިލްހާމް ޕީޕީއެމްއާ އަލުން ގުޅިވަޑައިގަތުމަށް ނިންމެވީ، "ކުރިން އޭނާ ހުންނެވި ޕާޓީ ހީނަރުވަމުން ދާތީ ރައްޔިތުންގެ ލާބައާއި ކުލުނުއްޓަކައި" ކަމަށް އެފަރާތުން ބުންޏެވެ.
"ރެޔާ ދުވާލު ބުރަ މަސައްކަތްކޮށްގެން އުފެއްދެވި ޕާޓީ ހީނަރުވަމުން ދާތީއާއި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުން އަންނާތީ، ޕާޓީގެ ކުލުނާއި، ރައްޔިތުންގެ ލާބައަށްޓަކައި ޕާޓީ ބަދަލުކުރަން ނިންމައިފިން،" އިލްހާމް ވިދާޅުވިކަމަށް އޭނާގެ އަރިސް ބޭފުޅަކު ސަންއަށް މައުލޫމާތުދިނެވެ.
އޭނާ ބުނީ، "މި ނިންމެވުމުގެ ސަބަބުން، ސިޔާސީ އެއްވެސް ފަރާތަކާ އިލްހާމާ ދެމެދު އޮންނަ ގުޅުން ގޯސް ނުވާނޭކަމަށް އިލްހާމް ވިދާޅުވި،" ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އިލްހާމާ ދެމެދު އެއްވެސް ކަހަލަ ދެބަސްވުމެއް ނުވަތަ ނުތަނަވަސްކަމެއް އުފެދިފައި ނުވާކަން އޭނާ ފާހަގަކުރިއެވެ.
އިލްހާމް ޕީޕީއެމާ ގުޅިވަޑައިގަތުމަށް ނިންމަވާފައި މިވަނީ، އެ ޕާޓީތެރޭގައި ކޯޅުންތައް އިތުރުވެ، ދެ ފެކްޝަނަކަށް ޕީޕީއެމް ބެހިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އޭނާ ގުޅިވަޑައިގަންނަވަނީ، ޕާޓީގެ ރައީސް މައުމޫނުގެ ފެކްޝަނާކަން ނުވަތަ ޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނުގެ ފެކްޝަނާކަން އެނގިފައެއް ނެތެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ސަރުކާރުން ނިންމާފައިވާ މައްސަލައާ ގުޅިގެން އަންގާރަ ދުވަހު މަޖިލީހުގައި ކުރިއަށް ގެންދިޔަ ބަހުސުގައި އިލްހާމް ވަނީ، ސަރުކާރުގެ އެ ނިންމުމަށް ތާއީދުކުރައްވައި މަޖިލީހުގައި ވާހަކަފުޅުދައްކަވައިފައެވެ.
"ދިވެހިރައްޔިތުންގެ ފަހަތުގައި، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އަބަދުވެސް މަސައްކަތްކުރައްވާނޭ ކަމަށް އިލްހާމް ވިދާޅުވި،" ސަންއަށް މައުލޫމާތުދިން ފަރާތުން ބުންޏެވެ.
އިލްހާމަކީ ޕީޕީއެމް އުފެދުމާ ގުޅިގެން 2013 ވަނަ އަހަރު، އެޕާޓީން ބޭއްވި ފުރަމަތަމަ ގައުމީ ޖަލްސާގައި ޕާޓީގެ ނައިބު ރައީސްކަމަށް ވާދަކުރައްވައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އެމަގާމަށް އިންތިޚާބުވި ބޭފުޅާއެވެ. އަދި އޭނާ ވަނީ، ރައީސް މައުމޫނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ.