އަންނަ އަހަރު ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު އޮބްޒާވްކުރަން އިންޓަނޭޝަނަލް ފަރާތްތަކުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަކުން ބުނެފި އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، އަންނަ ލޯކަލް ކައުންސިލް އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ އިންސާފުވެރި، ދެފުށް ފެންނަ އިންތިހާބަށް ވެގެންދާނެ ކަމަށެވެ.

އެގޮތުން އިންތިހާބު މޮނިޓާކުރަން 4000 އަށްވުރެ ގިނަ އޮފިޝަލުން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ތަމްރީނު ކުރާއިރު މިފަހަރު އިންތިހާބު އޮބްޒާވްކުރަން، އެ ކޮމިޝަނުން ވަނީ، މުޅިން އަލަށް އިންޓަނޭޝަނަލް އޮބްޒާވަރުން ގެންނަން ނިންމައިފައެވެ. ނަމަވެސް އަންނަނީ ކޮންތަނެއްގެ ފަރާތްތަކެއް ކަމެއް އަކްރަމް ހާމައެއް ނުކުރައްވަ އެވެ.

"މި އިންތިހާބަކީ ފުރަތަމަ ފަހަރަށް އިލެކްޝަންސް ކޮމިޝަނުން ދައުވަތު ދެއްވައިގެން، އިލެކްޝަންސް ކޮމިޝަނުގެ ހަރަދުގައި އިންތިހާބު އޮބްޒާވް ކުރަން އިންޓަނޭޝަނަލް ފަރާތްތަކެއް އަންނަ އިންތިހާބެއް،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ މިފަހަރުގެ އިންތިހާބު މޮނިޓާކުރާ ފަރާތްތަކާއި އޮބްޒާވަރުންނަށް އަދި މީޑިއާއަށް މަސައްކަތްތައް ކުރިއަށް ގެންދަން ފަހި މާހައުލެއް ގާއިމްކޮށްދޭނެ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ މަސައްކަތްތައް ފުރިހަމައަށް ގެންދިއުމަށް އޭނާ އެދިލެއްވި އެވެ.

މިފަހަރުގެ އިންތިހާބަކީ ރައްޔިތުންނަށް ފަސޭހަ އިންތިހާބަކަށް ހެދުމަށް ގިނަ ކަންތައްތަކެއް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ފޯމްތައް އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަކްރަމް ވިދާޅުވީ އެ އޮންލައިން ފޯމް މިހާރު ވާނީ އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި ތަޖުރިބާކޮށް އެޕްރޫވްކޮށްފައި ކަމަށެވެ. އެގޮތުން ކެންޑިޑޭޓުންގެ މަންދޫބުންގެ ފޯމްތައް ވެސް އޮންލައިންކޮށް ލެވޭނެކަމަށް ވިދާޅުވި އެވެ.

އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅެ ފަރާތްތަކަށް ވޯޓް ލުމުގެ ކަންކަން އޮތްގޮތާ ގުޅޭގޮތުން އަކްރަމް ވިދާޅުވީ، ނޮވެމްބަރު މަހުގެ ތެރޭގައި އެ ފަރާތްތަކަށް ރީ ރަޖިސްޓަރޭޝަންގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރިކަމުގައި ވިޔަސް އަމިއްލަ ރަށުގެ ކައުންސިލް އިންތިހާބަށް ވޯޓު ލެވޭނެކަމަށް އަކްރަމް ވިދާޅުވި އެވެ.

ނަމަވެސް އެގޮތަށް ވޯޓުފޮށި ބަހައްޓާނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކަމަށާއި، ރިސޯޓް ތަކުގައި ވޯޓުފޮށި ބަހައްޓާނީ ވަކި އަދަދަކަށްވުރެ ގިނައިން ރީރަޖިސްޓާ ކޮށްފައިވާނަމަ ކަމަށް އަކްރަމް ވިދާޅުވި އެވެ.