ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ވެވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވައިލެއްވި ގޮވާލެއްވުމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ ރައްދު ދެއްވައިފި އެވެ.

ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ އެކި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ މެދުގައި ރައީސް ނަޝީދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާ ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ މޭރުމުން ވާހަކަފުޅު ދެއްކެވުމުގެ ކުރިން ވެސް ރައީސް ނަޝީދަކީ ހުރިހާ ރައްޔިތުންގެ ރައީސެއް ކަމަށެވެ. ޒުހައިރު އަދި ވިދާޅުވީ މި ސަރުކާރަކީ ހުރިހާ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި އެންމެ ފަހުގެ ރިޔާސީ ބަޔާނުން ވެސް އެކަން އެނގޭނެ ކަމަށެވެ.

"ރައީސް އަލްއުސްތާޒް މައުމޫނު އަބުދުލްގައްޔޫމު )އެހެން( ވިދާޅުވުމުގެ ކުރިން ވެސް އެކަން އޮތީ އެގޮތަށް. " ޒުހައިރު ވިދާޅުވި އެވެ. "އެންމެ ފަހުގެ ރިޔާސީ ބަޔާނަށް ބެއްލެވިޔަސް ފެނިވަޑައިގަންނަވާނެ އެކަން. އެމަނިކުފާނު )ރައީސް ނަޝީދު( ވިދާޅުވެފައި އޮންނާނެ ހުރިހާ ރައްޔިތުންގެ ސަރުކާރެކޭ،"

ޒުހައިރު ވިދާޅުވީ ރައީސް އޮފީހާއި މުލިއާގޭގެ މުވައްޒަފުންގެ ސިޔާސީ ފިކުރަކީ ކޮބައިތޯ ސަރުކާރުން މިހާތަނަށް ބަލާފައި ނުވާ ކަމަށާއި ތަރައްގީގެ އެކި އެކި މަޝްރޫއުތައް ހިންގުމާއި ހިދުމަތްތައް ދިނުމުގައި ވެސް ރައްޔިތުންގެ ސިޔާސީ ފިކުރަށް އެއްވެސް ވަރަކަށް ރައީސް ނުބައްލަވާ ކަމަށެވެ. އެއީ ސިޔާސީ ފިކުރަށް ބަލައި ރައްޔިތުންގެ މެދުގައި ރައީސް ނަޝީދު ތަފާތު ނުކުރައްވާ ކަމުގެ ހެއްކެއް ކަމަށް ވެސް ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.

"ޔުޓިލިޓީސް ކުންފުނިތަކުން ކަރަންޓް ކޭބަލްތައް ގޭގެއަށް ވައްދާވާއިރު ސިޔާސީ ފިކުރަކަށް ނުބައްލަވާ. ނަރުދަމާގެ ކޮޅުތައް ގޭގެއަށް ވައްދަވާއިރު ވަކި ޑީއާރުޕީގެއެއްތޯ އެމްޑީޕީ ގެއެއްތޯއެއް ނުބައްލަވާ. ހުރިހާ ގެއަކަށް ހަމަ ވައްދަވަނީ. ބިން ހިއްކައި ނިމޭއިރު ހަމަ އެ ރަށެއްގެ ހުރިހާ ރައްޔިތުންނަށް ބިން ހިކިފައި އެ އޮންނަނީ،" ޒުހައިރު ވިދާޅުވި އެވެ.

ޒުހައިރު ވިދާޅުވީ ޖުމްލަ ގޮތެއްގައި ހުރިހާ ކަމަކަށް ބަލައިލުމުން ކުރީގެ ރައީސް މައުމޫން ރައީސް ނަޝީދަށް ނިސްބަތް ކުރައްވާ ވިދާޅުވި ވާހަކަފުޅުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަފުޅުތަކެއްކަން އެނގޭ ކަމަށެވެ.

ޒެޑްފެކްޝަންގެ ޖަލްސާގައި މައުމޫން ވިދާޅުވީ ރައީސް ނަޝީދު ހަމައެކަނި އެމްޑީޕީ އަށް ތާއީދު ކުރައްވާ ބޭފުޅުންގެ ރައީސަކަށް ވެވަޑައި ނުގެންނެވުމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ވެވަޑައިގަތުމަށް އެދި ވަޑައި ގަންނަވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ހުރިހާ ކަމެއްވެސް ތަފާތުކޮށް ހުރި ކަމެއް ކޮށްދެނީ އެމްޑީޕީގެ މީހުންނަށް ކަމަށް ވެސް މައުމޫން ތުހުމަތު ކުރެއްވެވި އެވެ.

ޒުހައިރު އެހެން ވިދާޅުވި ނަމަވެސް 2009 ވަނަ އަހަރު އޭޕްރީ މަހުގެ 17 ވަނަ ދުވަހު ރ. އަލިފުއްޓަށް ވަޑައިގެން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ކުރައްވާފައި ނުކުރައްވާނެ ކަމެއް "ތިޔައިން ބޭފުޅަކު އަދި ހިތަކަށް ވެސް ނާރާނެ" ކަމަށް ވިދާޅުވެފައި އެވެ. އަދި އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުގެ ޕާޓީގެ މެމްބަރެއް އުނދަގޫކޮށްފި ނަމަ ބުނާ ކަންތައްތައް ކޮށްދެއްވާނެ ކަމަށާއި އެހެން ޕާޓީއެއްގެ މެމްބަރެއް އުނދަގޫކުރީމުން އެމަނިކުފާނުގެ ނުލަފާކަން ރީތިކޮށް ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.