އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ އިންސާފުވެރި ދެފުށް ފެންނަ އަދި މިނިވަން އިނތިޚާބަށް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، އެ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށާއި ސިޔާސީ ޕާޓީތަކަށް އެ ކޮމިޝަނުން އަރުވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިފަހަރުގެ އިންތިޚާބަކީ ރައްޔިތުންނަށް ފަސޭހަ އިންތިޚާބަކަށް ހެދުމަށް ގިނަ ކަންތައްތަކެއް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ފޯމްތައް އޮންލައިންކޮށް ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"އޮންލައިން ފޯމް މިހާރު ވާނީ އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި ތަޖުރިބާކޮށް އެޕްރޫވްކޮށްފައި. ކެންޑިޑޭޓުންގެ މަންދޫބުންގެ ފޯމްތައް ވެސް އޮންލައިންކޮށް ލެވޭނެ،" އަކުރަމް ވިދާޅުވިއެވެ.

އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރިކަމުގައި ވިޔަސް އަމިއްލަ ރަށުގެ ކައުންސިލް އިންތިޚާބަށް ވޯޓު ލެވޭނެ،" އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރީ ރަޖިސްޓްރީ ކުރާ މީހުން ވޯޓުލުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވޯޓު ފޮށިތައް ބަހައްޓާނެ ކަމަށެވެ. ނަމަވެސް ރިސޯޓުތަކުގައި ވޯޓު ފޮށިތައް ބަހައްޓާނީ ވަކި އަދަދަކަށްވުރެ ގިނައިން ރީރަޖިސްޓާ ކޮށްފައިވާނަމަ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ، އިންތިހާބަށް އޮފިޝަލުން ތައްޔާރުކުރުމުގެ މަސައްކަތް، ކުރިޔަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަށާނެ ކަމަށެވެ. އެގޮތުން މާސްޓާ ޓްރެއިނާސް ތައްޔާރުކޮށް ނިންމާފައިވާ ކަމަށައި މިއަހަރު އިންތިހާބުގައި މަސައްކަތްކުރާ 4000 އަށްވުރެ ގިނަ އޮފިޝަލުންނަކީ އެކަމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ އޮފިޝަލުންނަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޮފިޝަލުން ނެގުމަށް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ އިއުލާނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.