އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ "އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލް"ގެ މިއަހަރުގެ ޝޯވގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު، ލައިޝާ ޖުނެއިދު (ލައި)އަށް ލިބިއްޖެއެވެ.

ފްރެންޗައިސް އުސޫލުން ރާއްޖޭގައި ބޭއްވި ފުރަތަމަ މޯލްޑިވިއަން އައިޑަލް ކާމިޔާބުކުރި އުމުރުން 18 އަހަރުގެ ލައި ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓު މެދުވެރިކޮށް މިއަހަރު އޭބީޔޫ ފެސްޓިވަލުގައި ހުށަހަޅައިދޭން ފުރުސަތު ލިބިފައިވާކަން ހާމަކޮށްފަ އެވެ.

އަދި އެކަމާ އޭނާ ނުހަނު އުފާވާ ކަމަށާއި ދިން ފުރުސަތަށް ޝުކުރުއަދާކުރާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ލައިއަށް ދީފައިވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ފަރާތުންނެވެ.

މިއަހަރު ބާއްވާ ފަސް ވަނަ އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލް ބާއްވަން ހަމަޖެހިފައިވަނީ، އިންޑޮނޭޝިއާގެ ބާލީގައި މިމަހުގެ 22 ވަނަ ދުވަހު އެވެ. އަދި މިއަހަރުގެ ފެސްޓިވަލުގައި އޭބީޔޫގެ މެމްބަރު ގައުމުތަކުގެ ތެރެއިން 13 ގައުމަކުން އެގައުމެއްގެ އެންމެ ފާހަގަކޮށްލެވޭ ލަވަ ކިޔުންތެރިން ލަވަ ހުށަހަޅައިދޭނެ އެވެ.

އެގޮތުން މިއަހަރުގެ ފެސްޓިވަލުގައި، ފެސްޓިވަލް ބާއްވާ އިންޑޮނޭޝިއާ އާއި ރާއްޖޭގެ އިތުރުން ޗައިނާ، އަފްގާނިސްތާން، ހޮންގް ކޮންގް، ޖަޕާން، ކަޒިކިސްތާނާއި ސައުތު ކޮރެއާ، މާކާއޯ، ސްރީ ލަންކާ، ވިއެޓްނާމް އަދި ޓިއުނޭޝިއާގެ ފަންނާނުން ހިމެނެ އެވެ.

އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވީ 2014 ވަނަ އަހަރު މަކާއޫގައި ބޭއްވި އެ ޝޯވގެ ތިންވަނަ ފެސްޓިވަލްގައެވެ. ވީމީޑިއާގެ އިސްނެގުމަކަށް ފުރަތަމަ ފަހަރަށް އެ ފެސްޓިވަލްގައި ރާއްޖޭން ބައިވެރިވީ މޫޝާން މުބާރިކް (މުއްމު) އެވެ.

އެ ޝޯގައި މުއްމު ހުށަހަޅައިދިން މަޝްހޫރު ލަވަ، "ރަންނަމާރި" އަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

އެ އަހަރަށްފަހު ރާއްޖޭން ދަނީ އެ ފެސްޓިވަލުގައި ކޮންމެ އަހަރަކު ވެސް ބައިވެރިވަމުންނެވެ. އެގޮތުން ތުރުކީގެ އިސްތަންބުލްގައި ބޭއްވި ދެވަނަ ޝޯގައި ރާއްޖެ ތަމްސީލްކުރީ މަޝްހޫރު ލަވަކިޔުންތެރިއާ މަރިޔަމް އުނޫޝާ (ކިޑީ) އެވެ.

އަބްދުލް ބާސިތް (ބާޗީ) އާއި ހަރުބީ ބޮޑުބެރު ގްރޫޕްގެ ނައުބެ އާއެކު އެ ޝޯގައި އުނޫޝާ ހުށަހަޅައިދިނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް އިނގިރޭސި ބަހުން ހަދާފައިވާ "ދަ މޯލްޑިވްސް ސޯންގް" އެވެ.