ރާއްޖޭގެ ސިވިލް ސާވިސްގައި މަސައްކަތްކުރާ "މިޑްލް މެނޭޖާސް ލެވެލް"ގެ ފާރާތްތަކަށް ހާއްސަކޮށްގެން، ޗައިނީސް އެކަޑަމީ އޮފް ގަވަނަންސްއާ ދިވެހި ސިވިލް ސާވިސް އިންސްޓިޓިއުޓު ގުޅިގެން ކުރިއަށް ގެންދިޔަ ތިންދުވަހުގެ ނިންމާލައިފިއެވެ.

"އެގްޒެކެޓިވް ޓްރެއިނިން ޕްރޮގްރާމް ފޯ މޯލްޑިވްސް ސިވިލް ސާވަންޓްސް"ގައި ހިމެނޭ، "ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމް ފޯ މިޑްލް މެނޭޖާސް، ޓްވާޑްސް ޓްރާންސްފޮމޭޝަން" ތަމްރީނު ޕްރޮގްރާމް ނިންމައި ބައިވެރިނަށް ސެޓްފިކެޓް ހަވާލުކުރުމަށް މިއަދު ވަނީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގައި ރަސްމިއްޔާތެއް ބާއްވައިފައެވެ.

ސިވިލް ސާވިސްއިން ބުނީ، އިސްލާހީ ބަދަލުތައް ގެނެވިދާނެ ގޮތްތަކުގެ މައްޗަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމްގައި، މާލެއާ އަތޮޅުތަކުން ޖުމްލަ 55 ފަރާތަކުން ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ކަމަށެވެ.

ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ފޫ ކާން އާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.

ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ ޕްރޮފެސަރުން ކިޔަވައިދެއްވި މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިނަން މައުލޫމާތާއި ތަމްރީނު ދެވުނު ދާއިރާތަކުގެ ތެރޭގައި، ލީޑަޝިޕް ސްކިލްސް، ކްރައިސިސް މެނޭޖްމެންޓް، ކޮމިއުނިކޭޝަން ފަދަ ދާއިރާތައް ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސާވިސް ކޮމިޝަނުގެ ނައިބުރައީސް ޖަމީލާ އަލީ ޚާލިދު ވަނީ، ނިގެންދިޔަ ތަމްރީނު ޕްރޮގްރާމުން ލިބުނު ތަމްރީނާއި މައުލޫމާތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބައިވެރީންނަށް ގޮވާލައްވައިފައެވެ.

ޖަމީލާ ވިދާޅުވީ، އެ ޕްރޮގްރާމުގައި ލީޑަޝިޕްގެ މައްޗަށް ދެވުނު މައުލޫމާތުގެ އަލީގައި، ކޮންމެ ބައިވެރިއަކީ ވެސް ލީޑަރެއްކަމުގައި ދެކި މުވައްޒަފުންނާ ގުޅިގެން އެ މީހަކު މަސައްކަތްކުރާ އޮފީހެއްގައި އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ.

މި ޕްރޮގްރާމަކީ މަސައްކަތަށް ވަރަށް ބޮޑަށް ލޯ ހުޅުވުނު އަދި މައުލޫމާތު މުއްސަނދިވެގެންދިޔަ ޕްރޮގްރާމެއް ކަމަށް، ތަމްރީނު ޕްރޮގްރާމުގެ ބައިވެރިން ފާހަގަކުރިއެވެ.