އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބާރުގެ ދަށުން މޫސަލް ހިފުމަށް އިއްޔެ ފެށި އޮޕަރޭޝަންގެ ސަބަބުން އެ ޖަމާއަތުގެ ހަނގުރާމަވެރީން ޔޫރަޕަށް އެތެރެވެދާނެ ކަމުގެ ބިރު އެބަ އޮތްކަމުގެ އިންޒާރު ދީފި އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސެކިއުރިޓީ ކޮމިޝަނާ ޖޫލިއަން ކިންގް ވިދާޅުވީ، އެތައް މަހެއްގެ ރޭވުންތަކަށް ފަހު އިރާގުގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސިޓީން އައިއެސް ފައްސާލުމަށް ފަށާފައިވާ ބިޔަ އޮޕަރޭޝަންގެ ސަބަބުން އައިއެސްގެ ހަނގުރާމަވެރިން ޔޫރަޕަށް އެތެރެވުމުގެ ބިރު އެބަ އޮތް ކަމަށެވެ.

"ގިނަ އަދަދެއްގެ ހަނގުރާމަވެރިން ޔޫރަޕަށް އަތުވެދާނެ ކަމަކަށް ގަބޫލެއް ނުކުރަން. ނަމަވެސް މިއީ ތައްޔާރުވާންޖެހިފައި އޮތް ވަރަށް ސީރިއަސް ނުރައްކަލެއް. ކިތަންމެ މަދު ހަނގުރާމަވެރިން އައިނަމަވެސް އެއީ ސީރިއަސް ނުރަކްކަލެއް،" ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އީޔޫގެ ސެކިއުރިޓީ ކޮމިޝަނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޔޫރަޕުގެ ގައުމުތަކުން ގާތްގަނޑަކަށް 2500 އަށްވުރެ ގިނަ މީހުން އައިއެސް ޖަމާއަތާ ގުޅިފައިވާ ކަމަށާއި އަދި މޫސަލް ހިފުމަށް ކުރާ މަސައްކަތުގެ ސަބަބުން އެމީހުން އެނބުރި އަތުވެދާނެ ކަމަށެވެ.

އެގޮތުން، އުފަން ދުވަހާއި ކައިވެނީގެ ސެޓްފިކެޓްތަކުގެ އިތުރުން ޕާސްޕޯޓްތައް ފާސްކޮށް ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

އައިއެސްގެ ބާރުގެ ދަށުން މޫސަލް ހިފުމަށް އިއްޔެ ފެށި އޮޕަރޭޝަން ކުރިއަށް ދަނީ ވަރަށް ރަނގަޅަށްކަމަށާއި ހުރިހާ ކަމެއްވެސް ދަނީ ކަނޑައަޅާފައިވާ ގޮތަށް ކަމަށް އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ކޮމާންޑަރެއް ކަމަށްވާ އާމީ ލެފްޓެނެންޓް ޖެނެރަލް ތާލިބް ޝަގާތީ ވަނީ އިއްޔެ ވިދާޅުވެފައެވެ.

މޫސަލްގައި އައިއެސްގެ ގާތްގަނޑަކަށް 3000 ހަނގުރާމަވެރިން ތިބި ކަމަށް ބެލެވޭއިރު، މޫސަލް އިން އައިއެސް ފައްސާލުމަށް ފެށި އޮޕަރޭޝަންގައި އިރާގުގެ ސްޕެޝަލް ފޯސްގެ 2000 ސިފައިންނާއި ކުރުދީންގެ ޕެޝްމާގާ ހަނގުރާމަވެރިންނާއި ސުންނީ ހަނގުރާމަވެރިންގެ 30،000 ސިފައިން ބައިވެރިވެ އެވެ.