07 May 2010, 06:33
10:00
މި ވެރިކަމަކީ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަމެއް ކަމަށް، ގާނޫނުއަސާސީ ވަރަށް ސާފުކޮށް ބުނާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
އއ. ރަސްދޫ އަށް ވަޑައިގެން އެރަށު ބަނދަރު ހެދުމުގެ މަޝްރޫއު އިއްޔެ ފައްޓަވައި ދެއްވުމަށްފަހު ނޫސްވެރިން ދެންނެވި، ސުވާކުތަކުގެ ތެރެއިން، މި ސަރުކާރާއެކު އިއްތިހާދުވި ބައެއް ބޭފުޅުން ސަރުކާރުން ނިކުމެ ވަޑައިގަންނަވާފައިވުމާއި ނާއިބު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ރައީސް ނަޝީދުގެ ސިޔާސަތަށް ފާޑު ވިދާޅުވަމުން ގެންދަވާއިރު މި ވެރިކަމަކީ އަދިވެސް އިއްތިހާދުގެ ވެރިކަމެއްތޯ، ނޫސްވެރިއަކު ސުވާލު ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ، މިއީ މުހައްމަދު ނަޝީދުގެ ވެރިކަމެއް ކަމަށާއި، ރާއްޖޭގެ ސިޔާސީ މަސްރަހު، އެމަނިކުފާނު ހާސްވެވަޑައިގަންނަވާ މިންވަރަށް ހަމައިންނެއްޓިގެން ނުދާ ކަމަށެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކާއި، ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ، ކެބިނެޓް ބަދަލު ކުރެއްވުމަށް ގޮވާލައްވާފައި ވާތީ އެބޭފުޅުން ވިދާޅުވާ ގޮތަށް ކަންތައް ކުރައްވާނަންތޯ، ރިޕޯޓަރަކު ސުވާލު ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ، މިއީ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ކަމަށެވެ. އަދި އެމަނިކުފާނަކީ، ޕާޓީއެއްގެ ރިޔާސީ ކެނޑިޑޭޓަކަށް ވާއިރު، ޕާޓީގެ ފާރާތުން އިއްތިހާދަކަށް ރޭވިއަސް އަދި ސިޔާސަތު އެހެން ގޮތަކަށް ބަދަލު ކުރަން ނިންމި ނަމަވެސް ގާނޫނުގައި ބުނާ އެންމެ ފުޅާ ދާއިރާއެއްގައި އެކަމަކަށް އަމަލު ކުރައްވާނެ ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދެވުނަސް ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާނެތޯ، ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ، ފަސް އަހަރު ދުވަހުގެ ތެރޭގައި ވައުދު ފުއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެމަނިކުފާނު ވެވަޑައިގެން ވައުދުތައް، ކަނޑައަޅުއްވާފައި ހުރި ވަގުތުތައް ފަހަނައަޅައި ނުދާ ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންނެވި އެންމެބޮޑު ވައުދުފުޅަކީ، ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެޓިކް ނިޒާމެއްގެ ބިންގާ ވަރުގަދަ ކުރެއްވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ބަނދަރުގެ މަސައްކަތް ފަށްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހާބަރ ޕްރޮގްރާމްގެ ދަށުން ރަސްދޫގައި ބަނދަރެއް ހެދުމަށް 2007 ވަނަ އަހަރު އޭރުގެ ސަރުކާރުން މަސައްކަތް ފެށްޓެވި ކަމަށާއި، އެހެން ނަމަވެސް އޭރު އެކަން ކުރެއްވީ ރަސްދޫ ރައްޔިތުންނާ މަޝްވަރާކުރެއްވުމަކާ ނުލައި ކަމުގައި ވިދާޅުވި އެވެ. އަދި އެ ބަނދަރުގެ އަގެއްގެ ގޮތުގައި އެއިރު ބަޖެޓް ކުރެއްވި އަގަކީ 16 މިލިއަން ރުފިޔާ ކަމަށާއި، އެހެންނަމަވެސް ސަރުކާރުން ރަސްދޫގައި މި ފެށްޓެވި މަޝްރޫޢުގެ ޖުމްލަ އަގަކީ 26 މިލިޔަން ރުފިޔާ ކަމުގައި ވިދާޅުވި އެވެ.
މި މޭރުމުން އެމަނިކުފާނު ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރަސްދޫއަކީ ބިމުގެ މައްސަލަ ވަރަށް ބޮޑު ރަށެއްކަން ފާހަގަކުރެއްވި އެވެ. އެހެންކަމާއެކު، ބަނދަރު ހެދުމަށް މިހާރު ނިންމާފައިމިވަނީ އެއްލައްކަ ފަސްދޮޅަސްހާސް އަކަފޫޓްގެ ބިން ރަށަށް ބޮޑުވާގޮތަށް ކަމަށާއި، އަދި ބޭރު ތޮށްޓަކާއެކީގައި ބަނދަރުހަދާގޮތަށް ކަމުގައި ވެސް ވިދާޅުވި އެވެ.
ރައީސް އަދި ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރެއްވީ މިދިޔައަހަރު މި މަސައްކަތް ފެށްޓެވުމަށް ކަމަށެވެ. ނަމަވެސް މިދިޔައަހަރު ދުނިޔެއަށް ދިމާވި އިޤްތިޞާދީ ހީނަރުކަމާއި، އަދި ރާއްޖޭގެ އިޤްތިޞާދީ ހާލަތު ހުރިގޮތާއި، ޚަރަދުބަރަދުގެ ކަންތައްތައް ހިންގާފައި ހުރިގޮތުގެ ސަބަބުން މަސައްކަތް ފެށްޓެވޭވަރު ނުވީ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.