މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭ ސިޓީގައި ފެންބޮޑުވެފައިވާ ބައެއް މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް)އިން ފަށައިފިއެވެ.

މާލެ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މި ސިޓީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ހިނގާބިނގާ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެހި ދުއްވުމަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ މިއަދު މެންދުރުފަހުން ފެށިގެން މަޖީދީމަގުގެ ހުޅަނގު ފަރާތު މަރާމާތު ކުރަމުންދާ ސަރަޙައްދުގައި ޕަންޕު ޖައްސައިގެން ފެންހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އެފްއާރުއެސްގެ ސިފައިން ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން އައިޖީއެމްއެޗް ސަރަހައްދުގައިވެސް ފެންހިއްކުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ އިރު، އެ ސަރަހައްދުތަކުގައި ގުޅިފައިވާ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ވެސް އެފްއާރުއެސް އިން ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

މިއަދު ހެނދުނުން ފެށިގެން ކުރަމުން އަންނަ ވިއްސާރައިގައި މާލެ ސިޓީގެ އަމީނީ މަގުގެ ބައެއް ސަރަހައްދުގައި ވަނީ ގާތްގަނޑަކަށް ފޫޓަކާ ގާތަށް ފެން ބޮޑެވަފައެވެ.