ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް މިހާރު ނޭޕާލަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ރައީސް ބިދްޔާ ދޭވީ ބަންޑާރީ އާއި އެގައުމުގެ ޑިފެންސް މިނިސްޓަރު ބީމް ރަވަލްއާ ބައްދަލުކުރައްވައިފި އެވެ.

މިއަދު ޗީފް އޮފް ޑިފެންސް ފޯސްއާއެކު ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑިން އޮފިސަރު ކާނަލް ވައިސް ވަހީދު، ނޭޕާލްގެ ރައީސްގެ އަރިހަށް ޒިޔާރަތްކުރައްވައި ބޭއްވި ބައްދަލުވުމުގައި ދިވެހި އަސްކަރިއްޔާގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކާއި ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ނޭޕާލުގެ ޑިފެންސް މިނިސްޓަރު ބީމް ރަވަލްއާ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް

ނޭޕާލްގެ ރައީސްގެ އިތުރުން ޑިފެންސް މިނިސްޓަރު ބީމް ރަވަލްއާއި ނޭޕާލްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ރަޖެންދުރާ ޗެތުރީއާ ޗީފް އޮފް ޑިފެންސް ޝިޔާމް ބައްދަލުކުރެއްވީ ވެސް މިއަދު އެވެ.

އެ ދެ ބައްދަލުކުރެއްވުމުގައި ވެސް ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމާއި އިންސާނީ ވަސީލަތް ތަރައްގީކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

ނޭޕާލްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ރަޖެންދުރާ ޗެތުރީއާއެކު ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް

ނޭޕާލްގެ އަސްކަރިއްޔާގެ ދައުވަތަކަށް ޝިޔާމް ނޭޕާލަށް ރަސްމީ ދަތުރުފުޅެއް ފެއްޓެވީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އަދި އެނބުރި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.