18 Oct 2016, 19:04
އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ފަރާތުން ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 250އަށް ގިނަ ފަރާތަކުން ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅާފައިވާކަމަށް ޕީޕީއެމްއިން ބުނެފި އެވެ.
ރައީސް މައުމޫނަށް ތާއީދު ކުރައްވާ ފަރާތްތަކުން މިއަދު އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެޕާޓީގެ އިންތިހާބީ ކޮމެޓީގެ މެމްބަރު އަލީ ރަޝީދު ވިދާޅުވީ، ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލް އިންތިހާބަށް ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު ކުރިން އޮތީ މި މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އާންމު މެމްބަރުންގެ އެދުމުގެ މަތިން މިމަހުގެ 23ވަނަ ދުވަހަށް އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާ ހިސާބަށް އައިއިރުވެސް ވަރަށް ގިނަ ފަރާތްތަކުން ކުރިމަތިލުމަށް ހުށަހަޅާފައިވޭ. ގާތްގަނޑަކަށް 250އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލާފައި ވަނީ. މިއަދާ ހަމައަށް އައިއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އެންމެ ބޭފުޅެއް އަނބުރާ ފޯމު ނަގާފައި ވަނީ،" އަލީ ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ޕީޕީއެމްގެ އިންތިހާބީ ކޮމެޓީން ކަމަށެވެ. އަދި އިންތިހާބީ ކޮމެޓީއާ ގިނަ ކަންތައްތަކެއް މަތިކޮށްފައިވާ ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އިންތިހާބު ކޮމެޓީ ނެގިފަހުން 35 އިންތިހާބު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ މައި އޮފީހަކީ މި އޮފީސް. އެއީ ބޮޑުތަކުރުފާނު މަގުގައި މި ހުންނަ ހ. ތެމާ. މި އޮފީހަށް ކައުންސިލް އިންތިހާބާ ގުޅޭ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާނީ،" އަލީ ރަޝީދު ވިދާޅުވި އެވެ.
އަލީ ރަޝީދު ވިދާޅުވީ، ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ އަތުން 150ރުފިޔާގެ ފީއެއް ނަގާނެ ކަމަށެވެ. އަދި އެ ފީ އަކީ މީގެކުރިން ވެސް ނަގާފައި ނުވާ ފީ އެއް ކަމަށް ބައެއް ފަރާތްތަކުން މީޑިއާގައި ބުނި ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ މީގެކުރިން ކައުންސިލުން އިންތިހާބުތަކަށް އެހީތެރިވެދިނުމުގެ ގޮތުން ނަގާފައި އޮތް ކޮމެޓީއަކުން ފާސްކޮށްގެން ހެދި ގަވާއިދެއް. އެއީ އިންތިހާބީ ކޮމެޓީން ކަނޑައެޅި އުސޫލުތަކެއް ނޫން. ދަންނަވާލަން ބޭނުން އެ އުސޫލުގެ ދަށުން މީގެކުރިން ބޭއްވި ކައުންސިލް އިންތިހާބުވެސް އަޅުގަނޑުމެން ކުރިއަށް ގެންގޮސްފައި ވަނީ،" އަލީ ރަޝީދު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބާ ގުޅޭގޮތުން އެމްޑީއޭގެ އިޝާރާތެއް ނެތް!
މިއަދުގެ ބައްދަލުވުމުގައި "ސަން"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ރަޝީދު ވިދާޅުވީ، ސަރުކާރު ކޯލިޝަން ޕާޓީ އެމްޑީއޭއިން ޕީޕީއެމްއާ ހަދާފައިވާ އެގްރީމެންޓެއް އޮތުމުން އެ އެގްރީމެންޓު ބަލައި ދިރާސާކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް ކައުންސިލް އިންތިހާބަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް އެމްޑީއޭއިން ޕީޕިއެމަށް ކޮށްފައި ނުވާ ކަމަށެވެ.
"އެހެންނަމަވެސް އެ ފުރުސަތު އެބައޮތް. އެއީ މަޝްވަރާކުރުން. ޕާސަނަލީ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އެގްރީމަންޓު ހެދިފައި އޮތީ ރިޔާސީ އެއް ދައުރަށް. ކުރިއަށް އޮތް ދައުރަކަށް ނެތް. މި ދައުރުގައި ކައުންސިލް އިންތިހާބެއް ބޭއްވިއްޖެ. މަޖިލިސް އިންތިހާބުވެސް ބޭއްވިއްޖެ. ދެން އޭގެއިތުރަށް އެއްވެސް ފަރާތަކުން ނެތް ދެން ކުރިއަށް އޮތް އިންތިހާބު ދެމިގެންދާނޭ ބުނެފައެއް. އެކަން އެގޮތަށް އޮތިއްޔާ އެމްޑީއޭއިން ވެސް ކޮންމެވެސް އިޝާރާތެއް އަޅުގަނޑުމެންނަށް ކުރައްވާނެ ކަމަށް ބެލެވެނީ،" އަލީ ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީއޭއިން ވާދަކުރި ދާއިރާތަކަށް ޝައުގުވެރިކަން ހުރިކަން ވެސް ޕީޕީއެމް އަށްވެސް އަދި އެ ޕާޓީގެ އިންތިހާބީ ކޮމެޓީއަށް ވެސް އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް އެމްޑީއޭއަށް ޕީޕީއެމްއާ އެކު މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.