18 Oct 2016, 15:24
ސިންގަޕޫރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރުކަމަށް ހަމްދޫނު ހަމީދާއި ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރުކަމަށް ޖަމީލާ އަލީ ހާލިދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އެ ދެބޭފުޅުންގެ ނަންފުޅު މަޖިލީހުން ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.
ޖަމީލާ އަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އެވެ. ހަމްދޫނަކީ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ހަމްދޫން ހަމީދުގެ ނަންފުޅު މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު އޭނާއަކީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ހައްލުކުރުމަށް އެޕާޓީގެ ރައީސް މައުމޫން މަޝްވަރާ މަޖިލީހުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
މިއަދުގެ ޖަލްސާގައި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރަކަށް އައިޝަތު ޝާން ޝާކިރު، ގ. ޕެންޒީމާގޭ 1، އާއި ތައިލެންޑުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރަކަށް ފާތުމަތު އިނާޔާ، މއ. ރެސްޓިންހައުސް، އައްޔަނުކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
އެ ދެބޭފުޅުންގެ ނަންފުޅު މަޖިލީހުން ފާސްކުރީ ވެސް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.