18 Oct 2016, 15:14
މިހާރު ޕީޕީއެމް ބައިވެ ޖެހިގެން އުޅޭ މައްސަލަތަކުގައި ސިޔާސީ ޕަޓީތަކުގެ ބެލެނިވެރި ފަރާތެއްގެ ހައިސިއްޔަތުން އިލެކްޝަންސް ކޮމިޝަން އަމަލު ކުރާނީ ކޯޓު އަމުރާ އެއްގޮތަށް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ޕީޕީއެމް ބައިވެ ޕާޓީ މިހާރު ހިންގަމުން ގެންދަނީ ދެ ފެކްޝަނަކުންނެވެ. ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޕާޓީގެ ހުރިހާ ޒިންމާއެއް ޕީޕީއެމްގެ މުސްތަޝާރާ ހަވާލު ކުރުމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް 'ސަން' އަށް ވިދާޅުވީ އެކޮމިޝަނުން އަމަލުކުރަމުން ގެންދާނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި ކޯޓުން ކޮށްފައި އޮތް ހުކުމާ އެއްގޮތަށް އަމަލު ކުރަމުން ގެންދާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކޯޓު އަމުރާ އެއްގޮތަށް އަމަލު ކުރާއިރު ޕީޕީއެމްއަށް ޖަވާބުދޭން ޖެހޭ ކަހަލަ އެއްވެސް ސިޓީއެއް ލިބިފައި ނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫނުގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްގެން ނިންމާ ނިންމުމަށްވެސް އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނެ ކަމަށް އަކްރަމް ވަނީ ވިދާޅުވެފަ އެވެ.
އެނގިފައިވާ ގޮތުން ޕީޕީއެމްގެ ރައީސް މައުމޫނު ފެކްޝަނުން ވަނީ އެމަނިކުފާނު ސޮއިކުރައްވާ ދެ ސިޓީއެއް އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވާފަ އެވެ. އެއީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަކަށް އަބްދުލް އަލީމް އައްޔަން ކުރި ކަމަށް ބަޔާން ކުރާ ސިޓީ އަކާއި ޕީޕީއެމްގެ ކައުންސިލަށް އުމަރު ނަސީރުއާ ސޮފްވާން އައްޔަން ކުރިކަން އަންގާ ސިޓީ އެކެވެ.
ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަނުން އިލެކްޝަންސްއަށް ސިޓީއެއް ފޮނުއްވާފައި ވަނީ ޕާޓީގެ ސެކެޓްރީ ޖެނެރަލްއަކަށް ޑރ އަބްދުﷲ ހަލީލް އައްޔަން ކުރި ކަމަށް ބުނެ އެވެ. އެ ސިޓީގައި ސޮއި ކުރައްވާފައިވަނީ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ރައީސް ޔާމީން ފެކްޝަނުގެ އެސްޖީ ހަލީލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަށް އިހުތިރާމް ކުރާނެ ކަމަށެވެ.