18 Oct 2016, 15:48
ފްރޭންކީ މޮރިސަން އުފަންވި އިރު އެކުއްޖާގެ ހަށިގަނޑުގައި ހުރީ ތުއްތު ކުއްޖެއްގެ ގައިގައި ހުންނަންވާ ވަރަށް ވުރެ ހަތް ގުނަ މަދު ލެ އެވެ. ނަމަވެސް ޑޮކްޓަރުން ހީކުރި ގޮތާ ހިލާފަށް ފްރޭންކީ ވަނީ ސަލާމަތްވެ، ސިއްހަތު ރަނގަޅު ކުއްޖަކަށް ވެފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފްރޭންކީ އަށް ބަލިވެއިން މާރިއާ ސޭންޑާސް ހޮސްޕިޓަލަށް ދިޔައީ ދަރިފުޅު ހަރަކާތް ނުކުރާ ކަަމަށް ލަފާ ކުރެވިގެންނެވެ. ހޮސްޕިޓަލުން ބެލުމުން ކުއްޖާ ހަރަކާތް ނުކުރާ ކަން އެނގުމާއެކު، ޑޮކްޓަރުން ނިންމީ އެމާޖެންސީކޮށް ސިޒޭރިއަންއެއް ހަދައިގެން ފްރޭންކީ ނެގުމަށެވެ.
ނަމަވެސް ފްރޭންކީގެ ހަށިގަނޑުގައި ލޭ މަދުވެ، ފުއްޕާމެއަށް ފެން އެޅިފައި ހުރުމުގެ ސަބަބުން ޑޮކްޓަރުންނަށް ޖެހުނީ އެކުއްޖާ ވަގުތުން ނޭވާލާން ފަސޭހަކޮށްދޭ މެޝިންތަކާ ގުޅާށެވެ.
"ޑޮކްޓަރުން ބުނީ ދަރިފުޅަށް ނޭވާލަން އުނދަގޫވެފައިވާ ކަމަށް އަދި ދަރިފުޅު (ސަލާމަތްވުމުގެ) މާ ބޮޑު އުއްމީދެއް ނެތުމުން އޭނާ ބަލާލަން ދާށޭ ނުސީދާ ގޮތަކަށް ބުނި. އެކަމަކު އެއްމެ ފަހަރަކު ބަލާލުމުންވެސް އެނގުނު ދަރިފުޅު ސަލާމަތްވާނެ ކަން،" މޭރީ ބުންޏެވެ.
މާރިއާ ހީކުރި ގޮތާ އެއްގޮތަށް، ފްރޭންކީގެ ހަށިގަނޑަށް ދެ ފަހަރަކު ލޭ އަޅައި، ސްޕެޝަލިސްޓު ލައިފް ސަޕޯޓުގައި ތިން ހަފްތާ ވަންދެން ބޭއްވުމުން ގެޔަށް ދެވޭ ވަރަށް ފްރޭންކީގެ ހާލު ރަނގަޅުވި އެވެ. އަދި އުފަންވީ އިރު ފްރޭންކީގެ ސިއްހީ ހާލަތު ހުރި ގޮތުން ދާއިމީ ގެއްލުންތައް ލިބިފައި ހުރެ ދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ދީފައިވީ ނަމަވެސް، ގާތްގަނޑަކަށް އެއް އަހަރުވީ ފްރޭންކީގެ ދިފާއީ ނިޒާމު ކުޑަކޮށް ބަލިކަށި ވުން ފިޔަވާ އިތުރު މައްސަލައެއް ދިމާވެފައި ނުވެ އެވެ.
"އަޅުގަނޑުމެންނަކީ ވަރަށް ނަސީބު ގަދަ ބައެއް. ފްރޭންކީއަށް ވީގޮތް ލޮލުން ދެކުމަށް ފަހު ދުވަހަކުވެސް ނުބުނާން އަޅުގަނޑުމެންނަކީ ނަސީބު ދެެރަ ބައެކޭ،" މާރިއާ ބުންޏެވެ.