ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވާ މިންވަރާ ގުޅޭ ގޮތުން މަޖިލީހުގެ ލަފަޔަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވުމުން، އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ކުރުމަށްފަހު އެ މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތު ކޮމެޓީއަކަށް ފޮނުވައިފި އެވެ.

އެ މައްސަލަ ކޮމެޓީއަކަށް ފޮނުވުމަށް 40 މެމްބަރަކު ވޯޓު ދެއްވި އެވެ. ކޮމެޓީއަށް ފޮނުވުމާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރެކެވެ.

ރައީސް އަބްދުﷲ ޔާމީން އެ މައްސަލަ މަޖިލީހަށް ފޮނުއްވުމުން މީގެކުރިން ވެސް ވަނީ އެ މައްސަލައިގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ކޮށްފަ އެވެ. އެއީ މިދިޔަ ޖުލައި މަހުގެ 20ވަނަ ދުވަހު އެވެ.

ރައީސް ޔާމީން މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އެންމެ ފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުގައި ފާއިތުވެގެންދާ ދުވަސްތަކުގެ ތެރޭގައި ކޮމަންވެލްތު މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހަރަކާތްތެރިވަމުންދާ ގޮތާއި ހަރަކާތްތެރިިވަމުންދާ މިންވަރު ދެނެގަތުމުގެ ގޮތުން އިތުރަށް "މުތާލިއާ" ކުރަން ޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމުގައިވީ ހިނދު މިކަމުގައި މަންދޫބުންގެ މަޝްވަރާއެއް ހޯދުމަކީ މުނާސަބު ކަމެއް ކަމުގައި އަޅުގަނޑަށް ފެންނާތީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅުއްވާ މިކަމުގައި ގޮތެއް ނިންމަވާ ދެއްވުން އެދެމެވެ." ރައީސް ޔާމީންގެ ސިޓީފުޅުގައިވެ އެވެ.

އެ މައްސަލާގައި މިއަދު ބަހުސް ކުރައްވަމުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ކޮމަންވެލްތުގައި ބައިވެރިވިއިރުވެސް އެ ޖަމާއަތަކީ އިސްތިއުމާރީ ވެރިކަމެއްގެ ތެރެއިން އުފެދުނު ޖަމާއަތެއްކަން ދިވެހިންނަށް އެނގުން ކަމަށެވެ. ނަމަވެސް އެ ޖަމާއަތުގައި އޭރުވެސް ބައިވެރިވީ އެ ޖަމާއަތުގެ ސަބަބުން ރާއްޖެއަށް ވެސް ފައިދާތަކެއް ކުރާނެތީ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ކޮމަންވެލްތުން އަޅުގަނޑުމެން ހުރިހާ ގައުމުތައް އެއްވެގެން މި ބުނަނީ ކީކޭތޯ. ކޮމަންވެލްތު ވެލިއުސް ނުވަތަ ވަކި ވައްތަރެއްގެ ވިސްނުންތަކެއް ހިފެހެއްޓުމަށްޓަކާއޭ އަޅުގަނޑުމެން މި ކޮމަންވެލްތުގެ ތެރޭގައި މި އެނބުރެނީ. އެގޮތުން އެމީހުން އެދޭ ކަންކަމަކީ އަޅުގަނޑުމެން އެންމެން ނިންމާ ނިންމުމަކީ ކޮމަންވެލްތުގެ ގައުމުތަކެއްހެން ނިންމާ ނިންމުމަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކުރުން. ގާނޫނުގެ ވެރިކަން ނަގަހައްޓާ ނެގެހެއްޓުން. އިންސާނީ ހައްގުތަކަށް ވިސްނައިގެން އިންސާނީ ހައްގުތަކާ ރަހުމަތްތެރިކޮށް ކަންކަންކުރުން. އެންމެނަށްވެސް އެނގޭނެ ގޮތަށް ރައްޔިތުންނަށް ބައިވެރިވެވޭނެ މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުން. މިއީ ކޮމަންވެލްތު ވެލިއުސްއޭ ކިޔާ ވާހަކަތަކަކީ،" މާރިޔާ ވިދާޅުވި އެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލް ގާދިރު ވިދާޅުވީ ކޮމަންވެލްތުން ވަކިވުމަކީ އޭނާ ތާއީދުކުރައްވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކޮމަންވެލްތުގެ ދައުރަކީ މީސްކޮޅު މަދު ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުން ނޫން ކަމަށެވެ.

"މިފަދަ ޖަމިއްޔާތަކުގެ ސަބަބުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ވެސް ދާހިލީ ކަންކަމުގައި އަޅުގަނޑުމެންވެސް ބައްޓަންކުރަން ބޭނުންވާ ކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތުމާއިއެކީގައި އަޅުގަނޑުމެންނަށް އެ އެކަށައެޅިފައި އޮންނަ ގަވާއިދާ އުސޫލެއްގެ ތެރެއިން އަޅުގަނޑުމެންނަށް ވެސް ލިބެންޖެހޭނީ އެކަންކަމުގެ ފުރިހަމަކަމާ އެއްބާރުލުން،" މުފީދު ވިދާޅުވި އެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ 34 އަހަރަށްފަހު ކޮމަންވެލްތުން ވަކިވާން ދިވެހި ސަރުކާރުން ނިންމަން އުޅޭތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވަމުން އޭނާ ވިދާޅުވީ އެފަދަ ޖަމިއްޔާ ޖަމާއަތްތަކުގައި ބައިވެރިވަނީ "އަމިއްލަ ޒާތުގައި ކޮޅަށް" ނުހުރެވޭތީ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބޭ ހަމައެކަނި އާމްދަނީ އަކީ ފަތުރުވެރިކަމުގެ ދާއިރާއިން. އެކަމަކު އެވެސް އަންނަނީ ކޮމަންވެލްތުން، ރާއްޖެއިން ބޭރުން. އެ ލާރިކޮޅު އަޅުގަނޑުމެން ބޭނުން ކުރަމުން މިދަނީ. ފެންނަމުން މިދަނީ އެފަދަ ޖަމިއްޔާތަކުން ވަކިވެ، އަރަބި ގައުމުތަކަށް ގޮސް ސަލާންޖަހާ ލާރިކޮޅު ގެނެސްގެން އުޅުއްވާ ވާހަކަ،" ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމަންވެލްތުން މިއަދު މައްސަލަ ޖައްސަމުން ދަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ނެތިގެން ދާތީ ކަމަށެވެ.

މިއަދުގެ ބަހުސް މަރުހަލާގައި ސަރުކާރަށް ތާއީދު ކުރައްވާ ގިނަ މެމްބަރުން ވަނީ ކޮމަންވެލްތުން ވަކިވުމަށް ތާއީދުކޮށް ވާހަކަފުޅުދައްކަވާފަ އެވެ.