18 Oct 2016, 14:21
ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ “ފިޔަވަތި” ގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެގެ މަރުވި ފަސް މަހުގެ ތުއްތު ފިރިހެން ކުއްޖާގެ މަރުގެ ހަޤީޤަތް ދެނެގަތުމަށް ޕޯސްޓްމޯޓެމް ހެދުމަށް ފުލުހުން ނިންމައިފިއެވެ.
ޕޯސްޓްމޯޓެމް ހެދުމަށް ފުލުހުން ނިންމާފައިވަނީ އެކުއްޖާ މަރުވެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށްވާތީ މަރުގެ ހަގީގަތް ދެނެގަތުމަކީ ކޮންމެހެން މުހިއްމުކަމެއްގެ ގޮތުގައި ފެންނާތީކަމަށް ފުލުހުން ބުނެއެވެ.
ޕޯސްޓްމޯޓެމް ހަދާނެ ވަކި ދުވަހެއް އަދި ޔަގީންނުވާއިރު އެމަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ 11:14 ކަންހާއިރު އެކުއްޖާ ނޭވާލުމުގައި ދަތިތަކެއް އުޅޭތީ ފުލުހުންނަށް ހުށައެޅުމުން އެމަޖެންސީގައި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ މަރުވެފައެވެ.
ކުއްޖާގެ ކުރީގެ ސިއްހީ ހާލަތާއި ކަންދިމާވިގޮތް ފަދަ މައުލޫމާތުތައް ޖެންޑާ މިނިސްޓްރީން އާންމެއްނުކުރެއެވެ.
ހުޅުމާލޭގައި މިއަހަރު ކުރީކޮޅު ހުޅުވި ކުޑަކުދިން ބަލަހައްޓާ މަރުކަޒުގައި 10 އަހަރުން ދަށުގެ 85 ވަރަކަށް ކުދިން އުޅެ އެވެ.
ކުޑަކުދިން ހިޔާގައި ދިރިއުޅޭ ކުދިން ފިލައިގެން ދިއުމާއި 20 ފޫޓަށް ވުރެ އުސް ފާރުމައްޗަށް އަރައިގެން އުޅޭ މައްސަލަތަކެއް ވެސް ދާދިފަހަކުން ވަނީ ފެންމަތިވެފައެވެ. އަދި އެކަން ހުއްޓުވުމަށް ޖެންޑާ މިނިސްޓްރީން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.