18 Oct 2016, 14:02
ޕުރޮގުރަސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ތެރޭގައި އުފެދިވައިވާ ހަމަނުޖެހުންތައް ބޮޑުވެ އެންމެ ފަހުން ދެ ސެކްޝަނުގެ ސެކަޓްރީ ޖެނެރަލް(އެސްޖީ)އިންވެސް ކޯޅެން ފަށައިފިއެވެ.
ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްއަށް ކަނޑައެޅި އެސްޖީ ނިލަންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ޕީޕީއެމްއަށް ފޮނުއްވި ސިޓީގެ ޖަވާބަކަށް ހަލީލްއަކީ ހައިސިއްޔަތެއް ނެތް ބޭފުޅެއްކަމަށް ވިދާޅުވެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަނޑައަޅުއްވާފައިވާ އެސްޖީ އަބްދުލްއަލީމް ވަނީ ޖަވާބް ދެއްވާފައެވެ.
ހަލީމް ވިދާޅުވީ "އަސްލު ޕީޕީއެމް" އަކީ އެބޭފުޅުން ކަމަށާއި ކޯޓުގެ ނިންމުމެއް އެބައޮތް ކަމަށެވެ.
ރައީސް ޔާމީންއާއި ޕީޕީއެމް ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ޕާޓީ ހިންގުމަށް އެދި ހަލީލް ރައީސް މައުމޫންއަށް ފޮނުއްވި ސިޓީގެ ޖަވާބުގައި އަލީމް، ހަލީލްއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ސިވިލްކޯޓުގެ އަމުރު ބަލައި ނުގަންނަ ކަމަށެވެ.
"ކޯޓު އަމުރު މައްސަލަ އިސްތިއުނާފް ކުރުމަށް ޕީޕީއެމްގެ ކައުންސިލްއިން ވަނީ ނިންމާފަ، ވީމާ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމުން މެނުވީ އެސިޓީގައިވާ އެއްވެސް ކަމަކަށް ޕީޕީއެމްއަކުން އަމަލެއް ނުކުރާނެ ވާހަކަ ދެއްނެވިން،" އަލީމް ސޮއިކޮށް ހަލީލްއަށް ފޮނުވާފައިވާ ސިޓީގައިނުބެފައިވެއެވެ.
ރައީސް މައުމޫން އާއި ރައީސް ޔާމީންގެ ދެމެދުގައި ސިޔާސީ ހަމަނުޖެހުންތަކެއް އުފެދިފައިވާއިރު ދެ ބޭފުޅުން ދަނީ ވަކިވަކިން ޕާޓީ ހިންގަމުންނެވެ. ޕީޕީއެމް ގެ ކައުންސިލްވެސް ދެ ބޭފުޅުން ހިންގަމުންދަނީ އެބޭފުޅަކަށް ތާއީދު ކުރައްވާ ފަރާތްތަކާއެކު ވަކިންނެވެ.