މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ނުވަތަ ސެނެޓުގެ ރައީސް މިއާން ރާޒާ ރައްބާނީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އިއްޔެ ބައްދަލުކުރައްވައި، އިންޑިއާއާ ގުޅޭ ގިނަ ޝަކުވާތަކެއް ކުރައްވައިފިއެވެ.

ޕާކިސްތާނު ސެނެޓުގެ ރައީސް ރާޒާ ރައްބާނީ ރާއްޖެ ވަޑައިގަތީ މިދިޔަ އާދީއްތަ ދުވަހުގެ ރެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވާ ގޮތުން، ރާޒާ ރައްބާނީ އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޒިޔާރަތް ކުރައްވައި، އެމަނިކުފާނާ ބައްދަލުކުރައްވައިފައެވެ.

ރައްބާނީ، ރައީސް ޔާމީން އަރިހުގައި ވިދާޅުވީ ޕާކިސްތާނަކީ ސުލްހަވެރި ގައުމެއް ކަމަށާއި، ޕާކިސްތާނުން އެދެނީ ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ކަމަށެވެ.

އެހެން ނަމަވެސް އިންޑިއާއިން ދަނީ، ދައުލަތުން ސްޕޮންސާ ކޮށްގެން ޕާކިސްތާނާ ދެކޮޅަށް ޓެރަރިޒަމްގެ ހަރަކާތްތައް ހިންގަމުން ކަމަށް ރައްބާނީ، ރައީސް ޔާމީން އަރިހު ވިދާޅުވިއެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޕާކިސްތާނުގައި ހަމަނުޖެހުމަށް ހިތްވަރުދެމުން ދިޔަ، އިންޑިއާގެ ނޭވީ ކޮމާންޑަރެއް ޕާކިސްތާނުން ހައްޔަރުކޮށްފައިވާ ކަމުގެ ވާހަކަ، ރައްބާނީ ރައީސް ޔާމީނަށް ވިދާޅުވިއެވެ.

ރައްބާނީ ވަނީ، ކަޝްމީރުގައި އިންޑިއާއިން ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކެއް ހިންގާ ކަމުގެ ޝަކުވާ ރައީސް ޔާމީނަށް ކުރައްވައިފައެވެ. އެެގޮތުން، އެއާ ބުލެޓު ފަދަ ތަކެތި އިންޑިއާއިން ކަޗްމީރުގައި ބޭނުންކުރަމުން ދާ ކަމަށާއި، އެކަމުގެ ސަބަބުން މައުސޫމު ތުއްތު ކުދިންގެ ލޮލުގެ ފެނުން ގެއްލެމުންދާ ކަމަށް ރާޒާ ރައްބާނީ ވިދާޅުވިއެވެ. އަދި ކަޝްމީރުގ ވާދީގައި އިންޑިއާއިން ކާފިއު ހިންގަމުންދާތާ 90 ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްބާނީ ވިދާޅުވީ އިންޑިއާއިން އެފަދަ ކަންކަން ތަކުރާރުކޮށް ކުރަމުން ދިޔަ ނަމަވެސް، ޕާކިސްތާނުން ބޭނުންވަނީ ކަޝްމީރު ސަރަހައްދުގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުކޮށް، އދގެ ގަރާރުތަކާ އެއްގޮތަށް ކަޝްމީރުގެ މައްސަލަ ހައްލުކުރަން ކަމަށެވެ.

އިންޑިއާއާ ޕާކިސްތާނާ ދެމެދު އޮތް ގުޅުން މި ފަހުން ގޯހުން ގޯހަށް ދިޔައީ، ކަޝްމީރުގައި އިންޑިއާގެ އަސްކަރީ ބޭސްއަކަށް ބަޔަކު ދިން ހަމަލާއަކާ ގުޅިގެންނެވެ. އިންޑިއާއިން ބުނީ އެއީ ޕާކިސްތާނުން ދިން ހަމަލާއެއް ކަމަށާއި، އަދި ޕާކިސްތާނުގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ސާކް ސަމިޓަށް އިންޑިއާއިން ނުދާނެ ކަމަށެވެ.

އިންޑިއާއިން ސާކް ސަމިޓު ބޯއިކޮޓް ކުރުމުގެ ސަބަބުން، ބަންގްލަދޭޝާއި ބޫޓާނާއި އަފްގާނިސްތާނު ވަނީ އިންޑިއާގެ ފިޔަވަޅުގެ ފަހަތުން ގޮސް، ސަމިޓު ބޯއިކޮޓް ކޮށްފައެވެ. ނަމަވެސް ރާއްޖެއާއި ސްރީލަންކާއިން ވަނީ ވަކި ކޮޅެއް ނުނަގައި، ސާކް ސަމިޓު ބޭއްވޭނެ މާހައުލެއް ގާއިމުކުރުމަށް ގޮވާލައިފައެވެ.

ސާކްގެ މި ދައުރުގެ ޗެއާ ނޭޕާލުން ވަނީ، މި ކަންކަމާ ގުޅިގެން ސާކް ސަމިޓު ފަސްކުރަން ނިންމައިފައެވެ.

ޕާކިސްތާނުގެ ސެނެޓުގެ ރައީސް ރާޒާ ރައްބާނީ އިއްޔެ ވަނީ، ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހި ކުރުމަށާއި، އިންޑިއާއާ މެދު ސަމާލު ވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމި ނިންމުމަށް އިހްތިރާމް ކުރައްވާ ކަމަށާއި، ނަމަވެސް ކޮމަންވެލްތަކީ މުހިންމު ޖަމިއްޔާއެއް ކަމަށް އޭނާ ފާހަގަ ކުރެއްވި ކަމަށް ޕާކިސްތާނުގެ ސެނެޓުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، ރައީސް ޔާމީނާއި ޕާކިސްތާން ސެނެޓުގެ ރައީސް ބައްދަލުކުރައްވައި، ދެގައުމުގެ ދެމެދުގައި އޮތް އަޚުވަންތަކަމުގެ ގުޅުމުގެ ވާހަކަތައް ދެއްކެވި ކަމަށާޢި، ދެގައުމުގެ ދެމެދުގައި އެއްބާރުލުން ދެވޭނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ގެންގުޅުއްވާ އިގްތިސާދީ ތަސައްވަރަށް ސާބަސް ވިދާޅުވެ، ޕާކިސްތާނާއި ރާއްޖެއާ ދެމެދު އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކޮށް، ރާއްޖޭގައި ޕާކިސްތާނުގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތައް ދެނެގަންނަން ބޭނުންވާކަމަށް ރާޒާ ރައްބާނީ އިއްޔެ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.