18 Oct 2016, 13:12
ލ. މާބައިދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ބޭނުން ނުކުރެވޭ ވަރަށް އަދާ ހުލިވެއްޖެ އެވެ.
މާބައިދޫ ކައުންސިލް މެމްބަރު ހަސަން އާދިލް މިއަދު ވިދާޅުވީ، އެރަށު ފެހިވިލާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިއަދު 10:45 ހާއިރު ކަމަށެވެ. ނަމަވެސް އެވަގުތު އެގޭގައި އެއްވެސް މީހަކު ނޫޅޭ ކަމަށެވެ.

ލ. މާބައިދޫ ފެހިވިލާގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގޭގައި ހުރި އައިސްއަލަމާރިއެއްގައި ރޯވެ އަދާފައި --- ފޮޓޯ/ މައިބާދޫ ކައުންސިލް
ރަށުގެ ރައްޔިތުންނާއި ކައުންސިލުގެ އެހީތެރިކަމާއެކު އެގޭގައި ރޯވި އަލިފާންގަނޑު ނިއްވާލި އިރު، އަލިފާނުގެ ހާދިސާގައި އެގޭގެ ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ގޭގެ ގާތްގަނޑަކަށް 75 ޕަސެންޓް އަދާ ހުލިވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެ ގޭގައި ހުންނާނީ ދެ ކޮޓަރި އާއި ސިޓިން ރޫމެއް. އެއް ކޮޓަރީގައި ހުންނާނީ ފަންވިޔަން ވެގެން ބަހައްޓާފައިހުރި ފަންބޮނޑިތަކެއް. ކަރަންޓް ސޯޓެއްގެ ސަބަބުން ފަންތަކުގައި އަލިފާން ރޯވެ އަލިފާންގަނޑު ފެތުރިގެންދިޔައީ. ބޮޑު ގެއްލުމެއް ލިބުނީ ފަންތައް ބަހައްޓާފައި ހުރި ކޮޓަރިއަށާއި ފުރާޅަށް،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ލ. މާބައިދޫ ފެހިވިލާގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގެއަށް ގެއްލުން ވެފައި --- ފޮޓޯ/ މައިބާދޫ ކައުންސިލް
އަލިފާނުގެ ހާދިސާ ހިނގީ މީހުން ދިރިއުޅޭ ގެއެއް ނަމަވެސް، އެގޭގައި އުޅޭ މީހުން އެވަގުތު ރަށުގައި ނޫޅޭ ކަމަށް ކައުންސިލުން ބުނެ އެވެ. އަދި ބުނީ، މިހާރު އެގެއަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު ޑިޒާސްޓާ މެނޭޖްމަންޓާ ހިއްސާކުރުމަށް ރިޕޯޓް ތައްޔާރުކުރަމުންދާ ކަމަށެވެ.