ޕީޕީއެމްގެ މުޝްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފެކްޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ދަރުބާރުގޭބައި އޮފީހެއް ހުޅުވުމަށް ނިންމައިފި އެވެ.

ރައީސް ޔާމީނަށް ތާއީދުކުރައްވާ ޕީޕީއެމްގެ ފެކްޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލަށް ކަނޑައެޅި ސެކެޓަރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ދަރުބާރު ގޭގައި އޮފީހެއް ގާއިމު ކުރަމުން އަންނަ ކަމަށެވެ.

"ދަރުބާރުގޭގައި ލޯކަލް ކައުންސިލް އިންތިހާބަށް އޮފީހެއް މި ހުޅުވަނީ، މިހާރު ވަނީ ސެޓަޕް ނިމިފައި، ގުޅޭނެ ނަމްބަރާއި އެކަހަލަ މައުލޫމާތުތައް ވަރަށް އަވަހަށް އާންމު ކުރެވޭނެ،" ޚަލީލް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކަންތަކުގައި ޕީޕީއެމާއި އެމްޑީއޭ މަޝްވަރާ ކުރައްވަމުން އަންނައިރު ކައިރި މުސްތަގުބަލެއްގައި ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ދަރުބާރުގޭ ވަކި އުސޫލެއްގެ ދަށުން އަމިއްލަ ފަރާތްތަކާއި ދައުލަތުގެ އިދާރާތަކަށް ދޫކުރުމަށް ހައުސިން މިނިސްޓްރީން ނިންމައި އުސޫލެއް ވަނީ ގާއިމްކޮށްފަ އެވެ. ޕީޕީއެމަށް ސިޔާސީ ހަރަކާތް ހިންގުމަށް ދަރުބާރުގޭ ދިން އުސޫލާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސެކަޓަރީ ޖެނެރަލް އިގްބާލް އާދަމް ވިދާޅުވީ އެ ޕާޓީން ދަރުބާރުގޭ ބޭނުން ކުރަނީ މިނިސްޓްރީން ދީފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ.

ޕީޕީއެމްގެ ރައީސް ޔާމީން ޕެކްޝަނުން އެ ޕާޓީ ހިންގެވުމުގެ ކަންކަމުގައި މިހާރު ބޭނުން ކުރަނީ ދަރުބާރުގެއެވެ. އެ ފެކްޝަނުން ދަނީ ޕާޓީގެ އޮފީހެއް އެހެންތަނެއްގައި ހުޅުވުމަށް ތައްޔާރުވަމުންނެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އާއި ދެބަސްވުން އުފެދިފައިވާ ދަނޑިވަޅުގައި ސިވިލް ކޯޓުން ވަނީ އެ ޕާޓީ ހިންގުމުގެ ބާރު ރައީސް ޔާމީނަށް ދިނުމަށް އަމުރުކޮށްފަ އެވެ.