18 Oct 2016, 13:21
މާލޭ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް މަތިކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތިލަފުށީގައި ކުނި ކޮމްޕްރެސްކުރާ، ބޭލިން މެޝިނެއް ބަހައްޓަން ނިންމައި، ކުނި ރީސައިކަލް ކުރުމުގެ މަސައްކަތް ފުޅާކުރަން ފަށައިފި އެވެ.
"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ، މިހާރުވެސް އެކުންފުނިން އެކިގޮތް ގޮތުން އެއްކުރާ ކުނި މެނުއަލްކޮށް ކޮމްޕްރެސްކޮށް ރާއްޖޭން ބޭރަށް އެކްސްޕޯޓްކުރަމުންދާ ކަމަށެވެ.
ނަމަވެސް އެ މަސައްކަތް ހަލުވިކޮށް، ހަރުދަނާކުރުމުގެ ބޭނުމުގައި ޒަމާނީ ކުނި ކޮމްޕްރެސްކުރާ، ބޭލިން މެޝިނެއް ރާއްޖެ ގެނައުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އިންޑިއާގެ، ޓެމިލް ނާޑޫގެ ކުންފުންޏެއް ކަމަށްވާ ހައިޑްރޯކުރާފްޓް ޓެކްނޮލޮޖީސް އާއެކު އެއްބަސްވެފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ.
އެ މެޝިން ގެނެސް ރާއްޖޭގައި ރާވައި މެޝިނުގެ އޮޕަރޭޝަން ޓްރެއިނިންނާއެކު ޖުމްލަ އެ ޕްރޮޖެކްޓަށް 90،000 އެމެރިކާ ޑޮލަރު (1.387،800 ދިވެހި ރުފިޔާ) ހަރުދުވާ ކަމަށް ވެމްކޯއިން ބުނެ އެވެ.
އެ މެޝިން ގެނެސް ރާއްޖޭގައި ރާވައި، މުވައްޒަފުން ޓްރެއިނިންކުރުމަށް ހަމަޖެހިފައިވާކަމާއި އެ މިމަސައްކަތަށް 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިންމާ ލެވޭނެކަމަށް ވެސް ވެމްކޯއިން ބުނެ އެވެ.
އެއާއެކު ކަރުދާހުގެ އިތުރުން ޕްލާސްޓިކް ފުޅިއާއި ދަގަނޑާއި އެހެނިހެން މައުދަނުގެ ބާވަތްތަށް ވެސް ރީސައިކަލްކުރުމަށް ހަމަޖެހިފައިވާކަމުގައި ވެމްކޯއިން މައުލޫމާތުދެ އެވެ. އަދި އެ މަސައްކަތަކީ ވިޔަފާރި އުސޫލުން ދެމެހެއްޓެނިވި ގޮތަކަށް ކުރެވިދާނެ ކަމެއްކަމަށް ވެމްކޯގެ އެމްޑީ ފުއާދު ވިދާޅުވި އެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން މިހާރު ވެސް ދަނީ ކަރުދާސް ރީސައިކަލްކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަރުދާސް ރީސައިކަލްކުރުމުގެ މަސައްކަތްކުރަމުންދާއިރު، ފުރަތަމަ ސިޕްމަންޓްގެ ގޮތުގައި 31.6 ޓަނުގެ ކަރުދާސްވަނީ ރީސައިކަލްކުރުމަށް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްފަ އެވެ.
މީގެ ކުރިން އުވާލަން ނިންމާފައިވާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މަސައްކަތްތައް އަލުން ފަށައިގަނެ، އެ ކުންފުންޏާ ސަރުކާރުން ހަވާލުކުރީ މިއަހަރުގެ ކުރީކޮޅު އެވެ.