18 Oct 2016, 11:43
ވޮޝިންޓަން (އޮކްޓޯބަރު 18): ޑޮނަލްޑް ޓްރަމްޕް ޖިންސީ އަނިޔާ ކުރި ކަމަށް ބުނެ، އަންހެނުން ހަދަނީ ދޮގު ކަމަށް ޓްރަމްޕްގެ އަނބިކަނބަލުން ވިދާޅުވެއްޖެ އެވެ.
މެލާނިއާ ޓްރަމްޕް އެފަދައިން ވިދާޅުވީ އަންހެނުންނާ ބެހޭ ގޮތުން ވަރަށް ދަށު ދަރަޖައިގެ ވާހަކަތައް ޓްރަމްޕް ދައްކަވާ އަޑުއިވިގެންދާ ވީޑިއޯއެއް މިމަހުގެ ހަތް ވަނަ ދުވަހު ލީކު ކޮށްލި ފަހުން އޭނާ ދެއްވި ފުރަތަމަ އިންޓަވިއުގަ އެވެ.
ވޮޝިންޓަން ޕޯސްޓުންނާއި އެންބީސީން އެޓޭޕު ލީކު ކޮށްލި ފަހުން ގިނަ އަދަދެއްގެ އަންހެނުން ވަނީ އެމީހުންނަށް ޓްރަމްޕް ޖިންސީ އަނިޔާ ކުރި ކަަމަށް ބުނެ، އެވާހަކަތައް މީޑިއާއާ ހިއްސާކޮށްފަ އެވެ.
ނަމަވެސް މެލާނިއާ ވިދާޅުވި ގޮތުގައި އެވާހަކަތަކަކީ ހިލަރީ ކްލިންޓަންގެ ކެމްޕެއިން ޓީމުންނާއި މީޑިއާއިން "އިންތިޒާމުކޮށްގެން ޓްރަމްޕުގެ ކެޑިޑެސީއަށް ހުރަސް އަޅަން" ފަތުރާ ވާހަކަތެކެކެވެ.
"އެއީ އިދިކޮޅު ފަރާތްތަކުން އިންތިޒާމު ކުރި ކަމެއް. މީޑިއާއަށް ލިބިފައިވާ ހުރިހާ މައުލޫމާތާ އެކުވެސް، އެމީހުން އެއަންހެނުންގެ ބެކްގްރައުންޑް ބެލިތަ؟" މެލާނިއާ ވިދާޅުވި އެވެ.
ދެހާސްފަސްވަނަ އަހަރު އެންބީސީގެ އެކްސެސް ހޮލީވުޑް ޕްރޮގްރާމަށް އަރަން ތައްޔާރު ވަމުން ދިޔަ ވަގުތު، އެޕްރޮގްރާމްގެ ޕްރެޒެންޓަރު ބިލީ ބުޝްއާ އެކު ޓްރަމްޕް ދެއްކެވި ވާހަކަތަކުގެ އަޑު އިވުމުން ހައިރާންވި ކަމަށްވެސް މެލާނިއާ ޓްރަމްޕް ވިދާޅުވި އެވެ. ސަބަބަކީ ޓްރަމްޕް އެފަދަ ގޮތަކަށް ވާހަކަ ދައްކަވާ އަޑު ދުވަހަކުވެސް އިވިފައި ނުވާތީ ކަމަށް މެލާނިއާ ވިދާޅުވި އެވެ. އަދި ޓްރަމްޕް އެފަދައިން ވާހަކަ ދެއްކެވީ އެގޮތަށް ވާހަކަ ދައްކަވަން ބިލީ ބުޝް ހިތްވަރު ދިނުމުން ކަމަށް ވެސް މެލާނިއާ ވިދާޅުވި އެވެ.
އެވީޑިއޯ ލީކުވި ފަހުން އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝްއަށް ބޮޑުބޭބެ ކިޔާ ބިލީ ބުޝް ވަނީ އެންބީސީން ވަކިކޮށްފަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން ގާތްގަނޑަކަށް ތިން ހަފްތާއަށް ވެފައިވާ އިރު ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޑޮނަލްޑް ޓްރަމްޕަށް ތާއިދު ކުރާ ފަރާތްތަކުގެ އަދަދު، ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހިލަރީ ކްލިންޓަނަށް ތާއިދު ކުރާ މީހުންނަށް ވުރެ 10 ޕަސެންޓު މަދެވެ. (ބީބީސީ)