18 Oct 2016, 11:33
ޕާކިސްތާނުގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ނަރުދަމާއާ ގުޅޭ ކޮންފަރެންސް، ސައުތު އޭޝިއަން ކޮންފަރެންސް އޮން ސެނިޓޭޝަން (ސާކޯސަން) ބައްދަލުވުމަށް ތައްޔާރުވުމަށް މެމްބަރު ގައުމުތަކުގެ މެދުގައި ބާއްވާ ބައްދަލުވުން މިއަދު ފަށައިފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ފެށި އެ ބައްދަލުވުން މިއަދާއި މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު އެ ބައްދަލުވުމުގައި އިންޑިއާ ފިޔަވައި އެހެން ގައުމުތަކުން ބައިވެރިވެ އެވެ. ރާއްޖޭގެ އިތުރުން އެ ބައްދަލުވުމުގައި ބައިވެރިވަނީ، ޕާކިސްތާން، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ސްރީލަންކާ ގެ އިތުރުން ބޫޓާން އާއި ނޭޕާލް އެވެ.
އެ ބައްދަލުވުމާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ވިދާޅުވީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ނިމިގެންދިޔަ ޑާކާ ޑިކްލެރޭޝަންގައި ހުރި ކަންތައްތައް މެމްބަރު ގައުމުތަކުން ހާސިލްކޮށްފަައިވާ މިންވަރުގެ މައްޗަށް ކަމަށެވެ. އަދި އޭގެ އިތުރުން އެ ކަންތައްތައް ހާސިލް ކުރުމަށް ގައުމުތަކުން މަސައްކަތް ކުރަމުންދާ މިންވަރަށްވެސް އަލި އަޅުވާލެވޭނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި އޭގެ އިތުރުން ކުރިއަށް އޮތް ކޮންފަރެންސް އަށް ތައްޔާރުވާން ހުރި ކަންތައްތަކަކީ ކޮބައިތޯ ބަލާ އެކަންކަމާ މެދު މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަރުދަމާ ނިޒާމާ ގުޅޭ ކޮންފަރެންސް އަށް ތައްޔާރުވާން މިއަދު ފެށި ބައްދަލުވުމާ ބެހޭ ގޮތުން މުސްތަފާ މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މުސްތަފާ ވިދާޅުވީ ޑާކާ ކޮންފަރެންސްގައި ނިންމާފައި ހުރި ބައެއް ކަންތައްތައް މެމްބަރު ގައުމުތަކުން ހާސިލްކޮށްފައިވަނީ ވަރަށް ކުޑަކޮށް ކަމަށެވެ. ނަމަވެސް އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖެއިން ކަންތައްތައް ހާސިލް ކުރުމުގައި އުޅެނީ ވަރަށް ކުރީގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސާކޯސަން ގެ ހަވަނަ ބައްދަލުވުން ބާއްވާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު ބަންގްލަދޭޝްގެ ޑާކާގަ އެވެ.