09 Jun 2011, 07:23
ސޯލް : އުތުރު ކޮރެޔާއިން ކުރުރާސްތާގެ ބެލަސްޓިކް މިސައިލެއް މިދިޔަ ހަފްތާގައި ތަޖްރިބާކޮށްފި ކަމަށް ދެކުނު ކޮރެޔާ ބުނެފިއެވެ.
ދެކުނު ކޮރެޔާގެ ޖާސޫސީ ދާއިރާތަކާ ޙަވާލާދީ އެޤައުމުގެ ޔުންހާބު ނޫސް އެޖެންސީ ޚަބަރުދޭ ގޮތުގައި އުތުރު ކޮރެޔާއިން ތަޖްރިބާކުރީ ކޭ.އެން. ސިކްސް މަރުކާގެ މިސައިލެއް ކަމަށާ އެމިސައިލް ތަޖްރިބާކުރީ އެޤައުމުގެ ހުޅަނގު އައްސޭރިފަށުން ކަނޑަށް ކަމުގައެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީގައި އުތުރު ކޮރެޔާ އަލަށް ތަރައްޤީކުރި މިސައިލެއް ކަމަށް ބެލެވޭކަމަށް ވެސް ޔުންހާބު ނޫސް އެޖެންސީ ޚަބަރު ދެއެވެ.
އުތުރު ކޮރެޔާ ގެންދަނީ އެޤައުމުގައި ހުރި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރުގެ ޓެކްނޮލޮޖީގެ ބައެއް ހަތިޔާރު ޒަމާނީ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް ކުރުރާސްތާއާއި މެދު ރާސްތާއާ އަދި ދުރުރާސްތާގެ މިސައިލްތައް ތަރައްޤީ ކުރުމަށް އުތުރު ކޮރެޔާ ޚާއްސަ މަޝްރޫޢެއް ހިންގަމުން ގެންދާ ކަމަށް ދެކުނު ކޮރެޔާގެ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ.
އުތުރު ކޮރެޔާގެ ރައީސް ކިމް ޖޮންގ އިލް ދާދިފަހުންވަނީ ސޯލްއަށް ވަޑައިގަތުމަށް ދެކުނު ކޮރެޔާގެ ރައީސް ލީ މިންގ ބާކް ދެއްވި ދަޢްވަތެއް ޤަބޫލު ނުކުރައްވައި ރައްދު ކުރައްވާފައެވެ. އަދި އެމެރިކާއާ ގުޅިގެން އުތުރު ކޮރެޔާއަށް ބިރުދެއްކުމުގެ ޢަމަލުތަކެއް ހިންގުމަށް ދެކުނު ކޮރެޔާ މަސައްކަތްކުރާ ކަމުގެ ތުހުމަތު ތަކެއްވެސް އުތުރުކޮރެޔާއިންވަނީ ކޮށްފައެވެ. މިތުހުމަތު ތަކަށް ދެކުނު ކޮރެޔާ އިންކާރު ކުރެއެވެ. -- ރޮއިޓާސް